މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އަލީ ވަހީދު މިއަދު ރާއްޖެވަޑައިގަންނަވަނީ، ޖިންސީ ގޯނާއާއި ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ކުރިއަށްނުގެންދިއުމަށް ނިންމާ އެ މައްސަލަ ފޮނުވާލާފައިވާ މައްސަލައެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަނޑައަޅާފައިވަނިކޮށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަލީ ވަހީދު ރާއްޖެ ވަޑައިގަންނަވަނީ މިއަދު މެންދުރު 1:15 ގައި ޓާކިޝް އެއާލައިންގައެވެ.
މިމައްސަލަައިގައި ދައުވާތައް ކުރިއަށްނުގެންދިއުމަށް ޕީޖީން ނިންމާފައިވަނީ، މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހުގީގަށް ބަޔާންދީފައިވާ މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބަޔާންކޮށް ޕީޖީއަށާއި ފުލުހުންނަށް ސީޓީ ފޮނުވާފައިވާތީއެވެ. އަދި އެމީހުންގެ ހެކިބަހާނުލައި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްތޯ ބަލައި ދިރާސާކުރިއިރު، މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ކަމަށްވެފައި، އެ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތުކުރެވިދާނެ އެއްވެސް މަގެއް ނެތްކަމުން، މައްސަލައަކީ އަނބުރާ ފޮނުވާލާފައިވާ މައްސަލައެއްގެ ގޮތުގައި 6 ޖޫން 2023 ގައި ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ.
މިިމައްސަލައިގައި ޕީޖީން އަލީ ވަހީދުގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި ރޭޕްކުރަން އުޅުމާއި، ޖިންސީ އަނިޔާކުރުމާއި، ޖިންސީ ގޯނާކުރުމާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.
މި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގަނިކޮށް ވަކި ހިސާބަކުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުން، ރާއްޖެއިން ބޭރަށް ގޮސްފައިވާއިރު އޭގެފަހުން އަލީ ވަހީދު ރާއްޖެއައިސްފައެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން އޭރުވަނީ ޝަރިއަތްތައް މަޑުޖެހިފައެވެ.
އަލީ ވަހީދު މިއަދު ރާއްޖެ އަންނައިރު ސުޕްރީމް ކޯޓުގައި ޕީޖީން އިސްތިއުނާފުކުރި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވުމުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް ވެސް އެބަ އޮތެވެ.