ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދީ އޭނަ އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހީމް އަބްދުﷲ (ގައްބަރޭ) ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްފިއެވެ.
ގައްބަރޭ ފުލުހުންނާއި ހަވާލުވީ އަމިއްލަ އަށް ކަމަށްވާއިރު އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ 30 ދުވަހެވެ. ނަމަވެސް ކޯޓުން ފަހުން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށް ނުދީ ބަންދުން ދޫކޮށްލާފައެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހަތިޔާރަކުން ހަމަލާދިންކަަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުގައި ހުއްޓައި 6 ޖުލައި 2023 ގައި އިބްރާހިމް އަބްދުﷲ ބަންދުން ދޫކޮށްލި މައްސަލަ 9 ޖުލައި 2023 ގައި ދިވެހިރާޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.
ޒަރީރަށް ގައްބަރޭ ހިމެނޭ ގޮތަށް ހަމަލާ ދިނީ މިދިޔަ މޭ މަހުގެ 1 ވަނަ ދުވަހުގެ ފަތިހު މާލޭގެ ކެފޭއެއްގެ ތެރޭގައި އިންދައެވެ. އެ ހާދިސާއާ ގުޅިގެން ލިބުނު އަނިޔާތަކަށް ޒަރީރު އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ވެސް ހޯދިއެވެ.