އެގްރޯނެޓުން ރާއްޖޭގެ 9 ސަރަހައްދެއްގައި ޤާއިމްކޮށްފައިވާ ކޯލްޑް ސްޓޯރޭޖް ޑިސްޓްރިބިއުޝަން ސެންޓަރު ތަކުގެ މަސައްކަތް ނިންމާފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ މަސައްކަތް ފުޅާކުރުމަށާއި، މިމަސައްކަތް ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯނެޓް ކުންފިނިން ވަނީ 9 ރަށެއްގައި ޑިސްޓްރިބިއުޝަން ސެންޓަރުތައް ޤާއިމްކޮށްފައެވެ. މި ސެންޓަރުތަކަކީ ދަނޑުވެރިން އުފައްދާ އުފެއްދުންތައް ރާއްކާކޮށް އެ ސަރަހައްދުތަކުން މާކެޓަށް ނެރެވޭ ގޮތަށް ޤާއިމްކޮށްފައިވާ ސެންޓަރުތަކެކެވެ. އެގްރޯނެޓް ކުންފުނިން ބުނި ގޮތުގައި މިތަންތަނަކީ ތިމާވެށްޓާއި ރައްޓެހި އަވިން ހަކަތަ ލިބިގެން ހިންގާ ސެންޓަރުތަކެކެވެ.
ރާއްޖޭގެ ތިމާވެށްޓާ ރައްޓެހި ، ފިނިކޮށާރު ނުވަތަ ގުދަންކުރާ ވަޞީލަތްތައް ، ރާއްޖޭގެ އެކި ސަރަޙައްދުގެ ނުވަ ރަށެއްގައި ވަނީ ޤާއިމްކުރެވިފައެވެ.މިއީ އިރުގެ ހަކަތައާއި ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ހިންގާ ތިމާވެށްޓާ ރައްޓެހި ޚިދުމަތެކެވެ. pic.twitter.com/ixX7RZVThF
— AgroNat (@agronationalmv) July 11, 2023
އެކުންފުނިން ވަނީ މި ސެންޓަރުތަކުގެ މަސައްކަތް މިވަގުތު ނިމުނު ކަމުގައިވިއަސް، އަދި އެއްވެސް ސެންޓަރެއް އޮޕަރޭޝަނަށް ނުގެންނަކަން އައްޑޫލައިވްއަށް ކަށަވަރު ކޮށްދީފައެވެ. ނަމަވެސް މިމަސައްކަތްވެސް ދާދި އަވަހަށް ކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ. މި ސެންޓަރުތަކުގައި އޮފީސް ބަޔަކާއި، ކޯލްޑް ސްޓޯރޭޖްގެ އިތުރުން، ފިނިނުކޮށްވެސް ތަރުކާރި އަދި މޭވާ ގުދަން ކުރެވޭނެ ވަސީލަތް ވަނީ ޤާއިމް ކުރެވިފައެވެ.
އެގްރޯނެޓުން ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޔޫއެންޑީޕީގެ އެހީތެރިކަމާއިއެކުގައެވެ. އެގްރޯނެޓުން ކޯލްޑް ސްޓޯރޭޖް ޤާއިމްކުރާ 9 ރަށުގެ ތެރޭގައި ހިމެނެނީ ނ.މަނަދޫ، ރ.ކިނޮޅަސް، ފ.މަގޫދޫ، ލ.ގަން، ލ.އިސްދޫ، ލ.ކަލައިދޫ، ގއ.ނިލަންދޫ، ޏ.ފުވައްމުލައް، ސ.ހުޅުމީދޫގައެވެ.
އެގްރޯނެޓާއި އެކު ކޮންޓްރެކްޓް ފާމިން މަސައްކަތް މިހާރުވެސް 700 އަށް ވުރެ ގިނަ ދަނޑުވެރިން ކުރަމުންދާ ކަމަށް ރައީސް ވަނީ މިދިޔަ އަހަރު ވިދާޅުވެފައެވެ. މިހާރު އޮންނަ ގޮތުން ދަނޑުވެރިންގެ އުފެއްދުންތައް ވިއްކަނީ މާލެ ގެނެސްގެންނެވެ. ނަމަވެސް މިތަންތަން އޮޕަރޭޝަނަށް އައުމުން އެ ސަރަހައްދުތަކުގައި އުފެއްދުންތައް މާކެޓް ކުރެވޭނެ ކަމަށް އެކުންފުނިން ދެކެވެ.