Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

އެމްޓީސީސީން ކުއްޔަށް ނެގި ބޮޑު ޑްރެޖަރު ގެނެސްފި

އެމްޓީސީސީން ކުއްޔަށް ނެގި ޑްރެޖަރު / ފޮޓޯ: ސޯޝަލް މީޑިއާ

އެމްޓީސީސީން ބިން ހިއްކުމުގެ މަސައްކަތަށް ކުރިއަށް ގެންދަން ކުއްޔަށް ނެގި ބޮޑު ޑްރެޖަރު ރާއްޖެ ގެނެސްފިއެވެ.

ފިލިޕިއޯ ބްރޫނަޝެލީ ނަމަކަށް ކިޔާ މި ބޯޓު މިވަގުތު އޮތީ ކަސްޓަމްސް ކްލިއަރެންސް ހެދުމަށް ހއ. އުލިގަން ބޭރުގައެވެ. މި ބޯޓު ގެނައީ، މިވަގުތު އެމްޓީސީސީގެ މަހާ ޖައްރާފުގެ ޑައިނަމޯ ހަލާކުވެގެން، މަރާމާތު ކުރުމަށް ގިނަ ދުވަސްތަކެއް ނަގާތީ މަޝްރޫޢުތައް އަވަހަށް ކުރިއަށް ގެންދިއުމުގެ ގޮތުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ބެލްޖިއަމްގެ ކުންފުންޏަކަށް ނިސްބަތްވާ މި ހިއްކާ ބޯޓުން 9 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތް ފަށާނީ ހއ. އިހަވަންދޫގެ މަސައްކަތް ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ. އިހަވަންދޫގެ އިތުރުން ށ. ކޮމަންޑު އާއި އއ. އުކުޅަހާއި އެ އަތޮޅު ބޮޑުފޮޅުދު އާއި ރ. އުނގޫފާރާއި މ. ދިއްގަރާއި ފ. ފީއައްޔާއި ކ. ދިއްފުއްޓާއި އެ އަތޮޅު ގުޅި އެވެ.


އެމްޓީސީސީން ބުނީ މި ރަށްތަކުގެ ހިއްކުމުގެ މަސައްކަތް ދާދި އަވަހަށް މި ބޯޓުން ނިންމާލެވޭނެ ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ހެކްޓަރެއް މި ބޯޓު ބޭނުންކޯށްގެން ހިއްކޭނެ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ. މި ވަރުގެ ސަރަހައްދެއް މަހާ ޖައްރާފުން ހިއްކަނީ 4 ދުވަހުން ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ މަހާ ޖައްރާފު މައްސަލަތަކެއް ޖެހި ގިނަ ދުވަސްވެފައިވާއިރު، އެކުންފުންޏާއި ވަނީ ގިނަ ރައްތަކުގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައެވެ. މި ބޯޓާއި އެކު އާޒިމް ވަނީ ދައުރު ނިމުމުގެ ކުރިއަށް މިހާރު ހަވާލު ކުރެވިފައިވާ ހުރި ރައްތަށް ނިންމޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.