ވެރިކަން ކުރާ މާލެ ސަރަހައްދު ނޫން ދެ ތިން އިތުރު ސަރަހައްދެއް ތަރައްޤީވާން އެބަޖެހޭ ކަމަށް، ޕްލޭނިންގް މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހާއި ގުޅުވައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުންނެވެ. ނައިބް ރައީސް ފައިސަލް ނަސީމު ޝަރަފުވެރިކޮށްދެއްވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވަނީ އިތުރުވަމުން އަންނަ އާބާދީއަށް ބަލައި އެއްވެސް ރައްޔިތަކު ދޫ ނުކުރާނެހެން ޤައުމީ ތަރައްޤީގެ ސިޔާސަތު ކަނޑައެޅިފައިވާކަން ފާހަގަކޮށްފައެވެ.
މިގޮތުން ކުރަހާ ލިޔެފައިވަނީ މުޅި ރާއްޖެ އެކުގައި ތަރައްޤީ ކުރުމަށް ކަމަށް ވިދާޅުވެ އަސްލަމް ވިދާޅުވީ، ރާއްޖެ ތިން ސަރަހައްދަކަށް ބަހާލައި، އެ ތިން ސަރަހައްދުގައި ހަ ޒޯން އެކުލެވޭ ގޮތަށް، 25 ކްލަސްޓަރ އަކަށް ރަށްތައް ބަހާލުމަށްފަހު އެ ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ނިޒާމެއް ޤާއިމް ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތް ފަސޭހައިން ވާން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.
" މިއާއެކު އެބަޖެހޭ މި ދިވެހި ރާއްޖޭގައި މާލެ ނޫން ރަނގަޅު ސަރަހައްދުތަކެއް، ހަމަ ގައިމުވެސް ދެތިން އިތުރު ސަރަހައްދު އެބަޖެހޭ 'ތަރައްޤީވާން'. އަޅުގަނޑުމެންގެ ޤައުމީ ތަޞައްވަރުގައިވާ އެ ތިން ރީޖަންގައި އިރާދަ ކުރެއްވިއްޔާ އެކަން ކުރާނަން. " އަސްލަމް ވިދާޅުވިއެވެ.
އަސްލަމްގެ ވާހަކައިގައި ވިދާޅުވީ، ފަހަރަކު ކަމެއް ކުރަމުންދަނީ ސާފު ޕްލޭނެއް އޮވެގެން ކަމަށެވެ. މީގެ އިތުރުން ބޯހިމެނުމުގައި އެއްކުރެވޭ މައުލޫމާތަކީ ކަންކަން ކުރުމުގައި ސަރުކާރުން ބޭނުން ކުރަމުންދާ މައުލޫމާތެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.
މި ރަސްމީއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމްވެސް ވަނީ ސަރުކާރުގެ ތަރައްޤީގެ ޕްލޭން ރީޖަންތަކަށް ބެހިގެން މަސައްކަތް ކުރަމުންދާއިރު، އަބަދުވެސް ރައްޔިތުންނަށް ލިބޭ ފުރުސަތު އިތުރު ކުރެވޭތޯ ސަރުކާރުން ބަލާ ކަމަށެވެ. މިގޮތުން އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންނަށްވާއިރު މިންތީގެ ހަމަހަމަކަން ޤާއިމް ކުރުމުގެ މައްޗަށް ނައިބް ރައީސް ވަނީ ވާހަކަ ދައްކަވާފައެވެ.