Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

"މިނިވަން އުފާ" ކާނިވަލުގައި 60 ސްޓޯލެއް

މިނިވަން އުފާ ކާނިވަލް

މިއަހަރުގެ މިނިވަން ދުވަހާއި ގުޅުވައިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި އާބަންކޯ އަދި ހޯމް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ "މިނިވަން އުފާ" ކާނިވަލުގެ ސްޓޯލްތައް ހިންގާން ފުރުސަތު ހުޅުވާލައިފިއެވެ.

މިނިވަން އުފާ ކާނިވަލް ކުރިއަށް ގެންދާނީ މިމަހުގެ 28 އިން އޯގަސްޓް 4 ވަނަ ދުވަހުގެ ނިޔަލަށެވެ. ހަފްތާއެއް ދުވަހަށް ކުރިއަށް ގެންދާ މި ކާނިވަލުގައި ކާބޯތަކެއްޗަށް ހާއްސަ 40 ސްޓޯލް ހުންނާނެއެވެ. އަދި އެކި ކަހަލަ ކުޅިވަރުތަކަށް ހާއްސަ 20 ސްޓޯލެއް ކާނިވަލްގައި ހިންގުމަށް ހޯމް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.


މި ސްޓޯލްތައް ހިނގުމަށް އާންމު ފަރާތްތަކާއި ކުންފުނިތަކާއި އަދި އެހެނިހެން ފަރާތްތަކަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. ސްޓޯލް ހިންގާނެ ސަރަހައްދު އާބަންކޯގެ ފަރާތުން ކާނިވަލްގެ ތިމާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. ސްޓޯލްތަކުގައި ހިނގޭނެ 8 ބާވަތެއްގެ ކުޅިވަރުވެސް ހޯމް މިނިސްޓްރީގެ އިއުލާނުގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން ކާބޯތަކެތިއަށް ހާއްސަ ސްޓޯލްތަކުގައި 7 ބާވަތުގެ ލުއިކާނާއާއި ބުއިންތައް ވިއްކޭނެ ކަމަށް މިނިސްޓްރީގެ ވަނީ ބުނެފައެވެ. މީގެ އިތުރުން ސްޓޯލް ހިންގައިގެން ލިބޭ ހުރިހާ ފައިދާއެއްވެސް އެފަރާތަށް ލިބޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.


މި ސްޓޯލްތަކުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ތައްޔާރު ކުރުމަށް ފަހު ބުރާސްފަތި ދުވަހުގެ 14:00 ކުރިން މިނިސްޓްރީގެ [email protected] އަށް މެއިލް ކޮށް ދިނުމަށް ހޯމް މިނިސްޓްރީން އެދެއެވެ.