ބޮލީވުޑްގެ މަޝްހޫރު ތަރި، އަމީތާބް ބައްޗަންގެ އަންހެނުން ބަތަލާ ޖަޔާ ބައްޗަންގެ ކެރިއަރުގެ ކާމިޔާބު ތިން ފިލްމެއް އަލުން ހަދަން ނިންމިކަން އިއުލާންކޮށްފި އެވެ.
މި އައިކޮނިކް ތިން ފިލްމަކީ 1972 ގެ "ބަވަރްޗީ" އާއި އެ އަހަރުގެ ކޯޝިޝްގެ އިތުރުން 1975 ގެ "މިލީ" އެވެ.
މި ތިން ފިލްމުގެ ތެރެއިން "މިލީ" އަކީ ޖަޔާ އާއި އަމީތާބާ އެކީ ރިޝިކޭޝް މުކަރްޖީ ޑައިރެކްޓްކުރި ފިލްމެކެވެ. "ބަވަރްޗީ" އަކީ ހިންދީ ސިނަމާގެ ފުރަތަމަ ސުޕަސްޓާޓަރު ރާޖޭޝް ކަންނާ ހިމަނައިގެން ރިޝިކޭޝް ޑައިރެކްޓަރު އަދި ޖަޔާ ބަތަލާ ބައްޗަން ލީޑް ރޯލު ކުޅުނު ފިލްމެކެވެ.
ގުލްޒާރު ޑައިރެކްޓްކުރި "ކޯޝިޝް" އަކީ ޖަޔާ އާއި ސަންޖީވް ކުމާރާ އެކީ ގެނެސްދިން ފިލްމެކެވެ.
"މިލީ" އާއި "ބަވަރްޗީ" އަދި "ކޯޝިޝް" ގެ ރައިޓްސް ހޯދައިގެން އެ ތިން ފިލްމު އަލުން ހަދަން ނިންމީ ޕްރޮޑިއުސަރުން ކަމަށްވާ އަބީރް ސެންގުޕްތާ އާއި އަނޫޝްރީ މެހެތާގެ އިތުރުން ސަމީރު ރާޖް ސިއްޕީ އެވެ. ނަމަވެސް ފިލްމުގެ ރިމޭކްގެ ޑައިރެކްޓަރުންނާއި ކާސްޓުންނާއި ފިލްމުތަކުގެ މަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
ރިމޭކްގެ ފޯރި ވަރަށް ގަދަ ބޮލީވުޑްގައި މީގެ ކުރިން ވެސް ހިންދީ ސިިނަމާގެ އައިކޮނިކް ފިލްމުތަކެއްގެ ރިމޭކްތައް ހަދާފައިވެ އެވެ.
މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ޖަޔާގެ ތިން ފިލްމެއް އަލުން ހަދަން ނިންމި އިރު، 75 އަހަރުގެ ބަތަލާ މުހިއްމު ރޯލަކުން ފެންނާނެ ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" މި މަހުގެ 28 ގައި ރިލީޒްކުރާނެ އެވެ.