Last Updated: July 18, 17:34
Saturday, July 18, 2026
ދުނިޔެ

އީސްވަރަންގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަނީ

ސިންގަޕޫރްގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް އީސްވަރަންގެ ކޮޕަރްޝަންގެ މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިނިސްޓަރުގެ މައްސަލައެއް ބަލަން ފެށުމާ ގުޅިގެން، އޭގެ ތަހުގީގު ނިމެންދެން އީސްވަރަން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތުމަށް ބޮޑުވަޒީރު ލީ ސީން ލޫންގް އަންގަވާފައިވެ އެވެ.

އީސްވަރަން އާއި ސަރުކާރުގެ އިތުރު ބައެއްގެ ކޮރަޕްޝަންގެ މައްސަލަ ސިންގަޕޫރްގެ ކޮރަޕްޓް ޕްރެޓިސެސް އިންވެސްޓިގޭޝަން ބިއުރޯ (ސީޕީއައިބީ) އިން ބަލަން ފެށިކަން އެތަނުން އިއްޔެ ނެރުނު ބަޔާނެއްގައި ކަށަވަރުކޮށް ދީފައިވެ އެވެ. އެކަމަކު ޓްރާންސްޕޯޓް މިނިސްޓަރުުގެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ.

އެހެންވެ މިނިސްޓަރުގެ މައްޗަށް ތުހުމަތުކުރެވެނީ ކޮރަޕްޝަންގެ ކޮން ކަހަލަ މުއާމަލާތެއްގެ މައްސަލަ ކަމެއް ސާފެއް ނުވެ އެވެ. އީސްވަރަން އަކީ 2006 އިން ފެށިގެން ކެބިޓްގައި މަސައްކަތްކުރައްބަމުން ގެންދަވާ ވަޒީރެކެވެ.

ސީޕީއައިބީން އިން ބުނީ މައްސަލަ ބަލަން ފެށީ ލިބިފައި ހުރި ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރާ ސުވާލު ވެސް ކުރަމުން އަންނަ ކަމަށެވެ.

ސިންގަޕޫރަކީ ކޮރަޕްޝަންގެ މައްސަލަތައް ވަރަށް މަދު އަދި ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށް ބޮޑެތި މުސާރަ ވެސް ލިބޭ އޭޝިއާގައި ތަރައްގީ އާއި ކުރިއެރުމުގެ ގޮތުން ވަރަށް ފާހަގަކޮށްލެވޭ ގައުމެކެވެ. ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްއިން ދައްކާ ގޮތުގައި ސިންގަޕޫރަކީ ފަސް ވަނަ އަށް ދުނޔޭގައި ކޮރަޕްޝަންގެ މައްސަލަތައް މަދު ގައުމެވެ.