Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

ސިނަމާތަކަށް އަންނަންވީ "ޖަވާން" ކަހަލަ ފިލްމުތައް

ތިއޭޓަރުތަކަށް މިހާރު އަންނަންވީ ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ޖަވާން" ކަހަލަ ފިލްމުތައް ކަމަށް ބުނެ، އޭގެ ޓްރެއިލާ އަށް ސަލްމާން ޚާން ތައުރީފުކޮށްފި އެވެ.

ސެޕްޓެމްބަރު 7 ގައި ސިނަމާތަކަށް ގެންނަ ފިލްމުގެ ޓްރެއިލާ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް ސަލްމާން ބުނީ ޓްރެއިލާ ވަރަށް ކަމުގޮސްފި ކަމަށާއި ސިނަމާތަކުގައި ބަލާލަން ބޭނުން ވަނީ މި ޒާތުގެ ފިލްމުތައް ކަމަށެވެ. އޭނަ ބުނި ގޮތުގައި "ޖަވާން" އަކީ ރިލީޒްކުރާ ދުވަހު ވެސް އޭގެ ޖާދޫގައި ބެލުންތެރިން ޖެހޭނެ ކަހަލަ ފިލްމަކަށް ވާނެ އެވެ.

ސަލްމާންގެ ޕޯސްޓްގައި ޝާހްރުކްގެ އެންމެ ފަހުގެ ފިލްމު ޖެނުއަރީގައި ރިލީޒްކުރި "ޕަތާން" އާ ގުޅުވައި ޕަތާން މިހާރު ޒުވާން ވެސް ވެއްޖެ ކަމަށް ބުނެފައިވެ އެވެ. ޝާހްރުކް، 57، ޑަބަލް ރޯލެއް ކުޅެފައިވާ ފިލްމުން އޭނަ ވަރަށް ޒުވާންކޮށް ވެސް ފެންނާނެ އެވެ. ޓްރެއިލާ އިން އެކަން ދައްކުވައި ދީފައިވެ އެވެ.

ޝާހްރުކްގެ "ޖަވާން" އަށް ސަލްމާން ތައުރީފު ކުރި އިރު، "ޕަތާން" ގެ ހާއްސަ ފެނިލުމަކުން ސަލްމާން ފެނިފައިވެ އެވެ. އަދި މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރާ އޭނަގެ "ޓައިގާ 3" ގައި ޝާހްރުކްގެ ހާއްސަ ފެނިލުމެއް ވެސް ހިމެނޭނެ އެވެ.

އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ޖަވާން" އަކީ އެޓްލީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ކާސްޓްގައި ނަޔަންތަރާ، ސާނިއާ މަލްއުތުރާ، ސުނިލް ގްރޯވާ، ވިޖޭ ސެތުޕަތީ، ޕްރިޔާމަނީ، ޔޯގީ ބާބޫ، ރިދިމާ ޑޮގްރާ އަދި އާސްތާ އަގަރްވާލް ހިމެނެ އެވެ. މީގެ އިތުރުން ފިލްމުގެ ހާއްސަ ފެނިލުންތަކުން ސަންޖޭ ދަތާއި ދީޕިކާ ޕަދްކޯންގެ އިތުރުން ތަމަޅަ އެކްޓަރު ވިޖޭ ވެސް ފެންނާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސަލްމާނާއި ޝާހްރުކް އަންނަ އަހަރު "ޓައިގާ ވާސަސް ޕަތާން" ގެ ޝޫޓިން ފަށާނެ އެވެ. މި ދެ ތަރިން އެކީގައި ކުރިން ވެސް ފިލްމުތަކެއް ކުޅެފައިވެ އެވެ.