Last Updated: July 18, 17:34
Saturday, July 18, 2026
ދުނިޔެ

އާއިލާއެއްގެ އެންމެންގެ އުފަން ދުވަސް އެއް ދުވަހެއްގައި

އާއިލާގެ އެންމެންގެ އުފަން ދުވަސް އެއް ތާރީހެއްގައި ފާހަގަކުރުމަކީ ހަމަގައިމު ވެސް އާދައިގެ ކަމަކަށް ނުވާނެ އެވެ. މިކަން ދުނިޔޭގެ ރެކޯޑަކަށްވީ ވެސް މި ސަބަބާ ހުރެ އެވެ. މި ރެކޯޑް އޮތީ ޕާކިސްތާންގެ އާއިލާއަކަށެވެ.

އެ އާއިލާގެ ދެމަފިރިންނާއި އެ މީހުންގެ ހަތް ކުދިންގެ އުފަން ދުވަހަކީ އޮގަސްޓް 1 އެވެ. އެހެންވެ އަންނަ މަހުގެ 1 އަކީ އަނެއްކާ ވެސް މި އާއިލާ އަށް އަންނަ ބޮޑު އީދެއް ކަހަލަ ދުވަހަކަށް ވާނެ އެވެ. އަމީރު އަލީ އާއި ހުދޭޖާގެ ދަރިންގެ އުމުރު އުޅެނީ 19-30 އާ ދޭތެރޭގަ އެވެ. މި ކުދިންގެ ތެރޭގައި އެއްމާބަނޑުގައި އުފަންވި ކުދިން ވެސް ހިމެނެ އެވެ.

އަމީރާއި ހުދޭޖާގެ އުފަން ދުވަހަކީ ވެސް އޮގަސްޓް 1 އަށް ވެފައި، ހުރިހާ ދަރިންގެ އުފަން ދުވަހަކީ އެ ތާރީހަށްވުމުގެ އިތުރަށް، އޮގަސްޓް 1 ހާއްސަވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ އެ މީހުންގެ އެނިވާސަރީ ވެސް އެ ތާރީހަށް އޮތުމެވެ.

އަމީރާއި ހުދޭޖާ ކައިވެނިކުރީ އޮގަސްޓް 1، 1991 އެވެ.

މި އާއިލާގެ ކުރިން އާއިލާއެއްގެ އެންމެންގެ އުފަން ދުވަސް އެއް ތާރީހެއްގައި ފާހަގަކުރުމުގެ ރެކޯޑް އޮތީ ފަސް މެމްބަރެއްގެ އުފަސް ދުވަސް އެއް ދުވެއްގައި ފާހަގަކުރާ އެމެރިކާގެ އާއިލާއަކަށެވެ.