Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ރިލްވާން މައްސަލައިގައި ހިމެނޭ އިސޫ ދޫކޮށްލައިފި

އިސްމާއިލް އަބްދުއްރަހީމް (އިސޫ)

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ އިސްމާއިލް އަބްދުއްރަހީމް (އިސޫ) ބަންދުން ދޫކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު އިސޫ ބަންދުން ދޫކޮށްލާފައިވާއިރު، މި މައްސަލައިގައި ތުހުމަތު ކުރެވޭ އަހްމަދު އިސްމާއިލް (އަހަނދު) ވެސް ހުރީ ބަންދުން ދޫކޮށްލާފައެވެ. އަހަނދު ބަންދުން ދޫކޮށްލާފައިވަނީ ފައިގައި ޓެގް އަޅުވާ މޮނީޓާ ކުރާ ގޮތަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި އިސޫ ބަންދުން ދޫކޮށްލާފައިވަނީ ޕާސްޕޯޓް ހިފަހައްޓާ، ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް ޝަރުތުކުރުމަށްފަހު އަދި ފައިގައި ޓެގް އަޅުވާ މޮނީޓާ ކުރާ ގޮތަށެވެ.

މިމައްސަލައިގައި އިސޫގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ 2 ދައުވާއެވެ.

މަރު ކޮމިޝަނުން 2019 ވަނަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޓެރަރިސްޓު ޖަމާއަތަކާއި ގުޅުން އޮންނަ ބަޔަކު ރިލްވާން ވަގަށް ނަގައި ކަނޑުމައްޗަށް ގެންގޮސް މަރާލުމަށްފަހު ކަނޑުފައްތާފައިވާ ކަމަށް ބުނެފައެވެ. ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ 2014 އޮގަސްޓް 7 ވަނަ ދުވަހުއެވެ.

މިމައްސަލައިގައި ހިމެނޭ އިސޫ އަކީ ސީރިޔާގެ ހަނގުރާމައަށް ދާންއުޅެނިކޮށް ތުރުކީ ބޯޑަރު ކައިރިންވެސް ހައްޔަރުކުރި މީހެކެވެ. އިސޫގެ ވާހަކަ މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ތައްޔާރު ކުރި "ޑރ.އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ރިޕޯޓު" ގައިވެސް ފާހަގަ ކޮށްފައިވެއެވެ.