Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ތިން ރަށެއް އެއާޕޯޓަށް ބިން ހިއްކަން ހަވާލުކޮށްފި

ތިން ރަށެއްގެ އެއާޕޯޓް ހެދުމަށް ބޭނުންވާ ބިން ހުއްކުމަށް ބަޔަކާ ހަވާލު ކޮށްފިއެވެ.

ބ.ތުޅާދޫ، ތ.ވިލުފުށި އަދި ށ.ބިލެތްފަހީގައި އެއަރޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަޝްރޫއު ހަވާލު ކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަށް ޕްރައިވެޓް ލިމިޓެޑްއާއެވެ.

އެ ކުންފުންޏަށް މި މަސައްކަތް ހަވާލު ކޮށްފައިވަނީ 42.4 މިލިއަން ޑޮލަރަށެވެ. މި މަސައްކަތަކީ 280 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލު ކޮށްފައިވާ މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން ތުޅާދޫ އެއަރޕޯޓަށް ބޭނުންވާ 44.70 ހެކްޓަރ ބިން ހިއްކުމާއި، ވިލުފުށި އެއަރޕޯޓަށް ބޭނުންވާ 56.34 ހެކްޓަރ ބިން ހިއްކުން އަދި ބިލެތްފަހި އެއަރޕޯޓަށް ބޭނުންވާ 56.34 ހެކްޓަރ ބިން ހިއްކުން ހިމެނެއެވެ.

މި މަޝްރޫއުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަށް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސިވަރާޖާ މަނިވައްނަންއެވެ.