މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ލީޑާޝިޕް މިހާރު ފެންނަނީ އަމިއްލަ ނަފުސަށް އިތުބާރު ނެތިފައި އޮތްގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިފަދައިން ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން ހިންގާ "އޯޝަން ޓީވީ"ގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ސަރުކާރަށް އަދި ރައީސުލްޖުމްހޫރިއްޔާއަށް ފާޑުކިޔުމަކީ ޖެއްސުން ކުރުމުގެ ގޮތުގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ދެކޭކަމަށެވެ. އީވާ ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕް އަދި މަޖިލިސް މެންބަރުން ފެންނަނީ ވަރަށް އިންސެކިއުއާ ކޮށް ކަމަށެވެ.
"ވަކިވަކި މެންބަރުން އެކަންޏެއް ނޫން، ރައީސުލްޖުމްހޫރިއްޔާވެސް އަދި ޕާޓީއަށް ނިސްބަތްވާ ވަޒީރުން އެކަންޏެއްވެސް ނޫން، މުޅި ޕާޓީ ވަރަށް އިންސެކިއުއާ ކޮށް ފެންނަނީ. އަމިއްލަ ނަފްސާ ދޭތެރޭގައި ޕާޓީއެއްގެ ހައިސިއްޔަތުންވެސް އަދި އެމްޑީޕީ މަޖިލިސް މެންބަރުންގެ ހައިސިއްޔަތުންވެސް، އަމިއްލަ ނަފްސާ ދޭތެރޭގައި އެއްވެސް އިތުބާރެއް ނެތްގޮތަށް ފެންނަނީ." އީވާ ވިދާޅުވިއެވެ.
އެމްޑީޕީގެ ލީޑާޝިޕް ފެންނަނީ އަމިއްލަ ނަފުސަށް އިތުބާރު ނެތިފައިއޮތް ގޮތަށްކަން ފާހަގަކޮށް އީވާ ވިދާޅުވީ އެއްވެސް ކަހަލަ ފާޑުކިޔުމަކަށް ކުރިމަތިލުމަށް އެމްޑީޕީން ބޭނުންނުވާތަން ފެންނަ ކަމަށެވެ.
އީވާ ވިދާޅުވީ އެމްޑިޕީގެ ވެރިއަކު އަދި ސަރުކާރަކާއި އެމްޑިޕީގެ މަޖިލިސް މެންބަރުންތަކެއް އެމްޑީޕީގެ އަސާސްތަކާއި އުސޫލުތަކާ ދުރަށް ދިއުމަކީ ހައިރާންވެ ކަންބޮޑުވުވާ ކަމެއް ކަމަށެވެ. އަދި އެމްޑީޕީގެ އަސާސްތަކާ ދުރަށް ދިއުމަށްފަހު "ޑީއާރްޕީގެ" އުސޫލަށް ހުދުމުހުތާރުކޮށް ސަރުކާރާއި މަޖިލިސް ހިންގަން ފަށާފައިވާ ކަމަށްވެސް އީވާ ވިދާޅުވިއެވެ.