Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ކުރިކް ރިޒާގެ ބައި އަނބުރާ ގެންނަން އެދިއްޖެ

އަހުމަދު ކުރިކް ރިޒާ-

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި އަހްމަދު ކުރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ބައި މި ވަގުތަށް އަނބުރާ ގެނައުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ 2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ޓޫރިޒަމް ބޭނުމަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ހިފައި މަނީ ލޯންޑަރކުރި މައްސަލައިގައި ދައުވާލިބޭ, މއ.ކުރިކީލަހހިޔާ, އަހުމަދު ކުރިކް ރިޒާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކަކާ ގުޅިގެން އެ މައްސަލަ ކޯޓުގެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ. އަދި ކުރިކް ރިޒާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކެއްގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ގެންދަނީ އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުން ކަމަށް ޕީޖީން ބުނެފައިވެއެވެ.

ޕީޖީން ބުނެފައިވަނީ ކުރިކް ރިޒާގެ ބައިގައި ދިމާވި މި ހާލަތާ ގުޅިގެން އެބައި ވަކިން ކޯޓުގައި ކުރިއަށްގެންދެވޭނެ ގޮތެއް އޮތްތޯ ބެލިއިރު އެ މަގު ޤާނޫނީ ގޮތުން އޮތީ ބަންދުވެފައި ކަމަށެވެ.

އެހެންކަމުން މި މައްސައަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށްވެފައި, މިފަދަ މައްސަލައެއްގައި ދައުވާލިބޭ އެކެއްގެ ބައިގައި ދިމާވި ހާލަތަކާ ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވި ވުމަކީ އާންމު މަސްލަހަތު އޮތް ގޮތް ކަމަށް ނުފެންނާތީއާއި, ކުރިކް ރިޒާ ހުށަހެޅި ހެކިތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް, ކުރިކް ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި, އެ ދައުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ފޮނުއްވައިދެއްވުމަށް ދަންނަވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ގެންނައުމަށް އެދިފައިވާނީ ކުރިކް ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އެކަނި ކަމަށެވެ. އަދި ޕީޖީން އެދިފައިވާނީ އަލުން ހުށަހަޅާ ގޮތަށް އަނބުރާ ގެނައުމުގެ ހުއްދައަކަށް ކަމަށާއި މި މަރުހަލާގައި އޮތް ދައުވާއެއް މިފަދައިން އަނބުރާ ގެނެވޭނީ ކޯޓުން ހުއްދަ ދެއްވައިފިނަމަ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.

މީގެއިތުރުން ޕީޖީ އޮފީހުން ބުނެފައިވަނީ ކުރިކް ރިޒާގެ ބައި އަނބުރާ ގެންނަނީ މިވަގުތަށް މަޑުޖައްސާލުމަށްޓަކައި ކަމަށާއި ހާލަތު ބަދަލުވުމުން އަދި ސާފުކުރަންޖެހޭ ކަންކަން ސާފުވުމުން އަލުން ދައުވާ ކުރިއަށް ގެންދާނެ ކަމަށެވެ.

ކްރިކް ރިޒާގެ ސިއްހީ ހާލަތު ހުރިގޮތުން ކަމަށްބުނެ ކްރިމިނަލް ކޯޓުގައި މިމައްސަލައިގެ އަޑުއެހުންތައް ކުރިއަށް ނުގެންދެވި ވަނީ މަޑުޖެހިފައެވެ.