Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

މާލޭގެ 23 ގަރާޖަކަށް ހުޅުމާލެއިން ބިން ދީފި

ގަރާޖް ލިބުނު ބިންތައް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުލުން /ފޮޓޯ: އާބަންކޯ

މާލޭގައި ގަރާޖް ހިންގާ ފަރާތްތަކަށް ހާއްސަކޮށްގެ މީހުން ދިރިއުޅޭ ހިސާބުތަކާއި ދުރުން ހުޅުމާލެއިން ބިން ދިނުމަށް އާބަންކޯއިން ހުޅުވާލި ފުރުސަތުގައި 23 ބިމެއްގެ ގުރު ނަގައި ލިބޭ ފަރާތްތައް ކަނޑައަޅައިފިއެވެ.

އާބަންކޯއިން 23 ބިމަކަށް ހުޅުވާލި ފުރުސަތުގައި 190 އަށް ވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން މި 190 ފަރާތްތަކުގެ ތެރެއިން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުގެ ސައްޙަކަން ޔަޤީން ކުރުމަށް ގަރާޖުތަކަށް ވަނީ ޒިޔާރަތްކޮށް ސާވޭ ކޮށްފައެވެ. މި ސާވޭއިން ބެލިބެލުމުގައި، ތޮށްޖެހިފައިވާ ނުވަތަ އާއްމުން ދިރިއުޅޭ ގެތަކާއި ކައިރީގައި ހިންގޭ ގަރާޖުތައް ވަނީ ބަލާފައެވެ. އަދި މީގެތެރެއިން މިފަހަރު ހާއްސަކަމެއް ދީފައިވަނީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ސާވިސް ކުރާ ގަރާޖުތަކަށް ކަމަށް އާބަންކޯއިން ބުނެއެވެ.

އަދި ސާވޭ ކުރުމަށް ފަހު ހޮވާލެވުނު ފަރާތްތަކުގެ މެދުގައި އާބަންކޯއިން ވަނީ 23 ބިމަށް ގުރު ލާފައެވެ. މި ފަހަރު ހުޅުވާލެވުނު ފުރުސަތުގައި ދިނުމަށް ހަމަޖެހިފައިވާ ބިމުގެ ބޮޑުމިނުގައި 1297 އަކަފޫޓުން ފަށައިގެން 1447 އަކަފޫޓު ހުންނާނެ ކަމަށް އާބަންކޯއިން ބުނެއެވެ.


މިފަހަރު ލިބުނު ތަރުހީބަށް ބަލާ، މާލޭގައި ގަރާޖުތައް ހިންގުމަށް ހުރި ދަތިތަކާއި، ހުރި ނުރައްކާތަކަށް ހައްލެއް ހޯދައިދިނުމަށް އިތުރު ބިންތައް ވެސް ހުޅުވާލުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ގަރާޖް ހިންގުމަށް ބިންތައް ދޫކުރަން ނިންމީ، މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި ގަރާޖްތައް މާލެއިން ބޭރުކުރުމަށް ސަރުކާރުން ނިންމާފައިވާ ސިޔާސަތުގެ ދަށުންނެވެ. މިފަދަ ގަރާޖުތަކުގައި މަސައްކަތް އެކި ބާވަތްތަކުގެ މަސައްކަތް ކުރެވޭއިރު، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހިނގުމަކީ އެކަމުގެ އެތަކެއް ނުރައްކަލެއް އޮތް ކަމެއް ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ. އަދި މި ގަރާޖްތަކަށް ވިޔަފާރީގައި ފަހި ފުރުސަތުތައް ހޯދުމަކީވެސް ބޭނުމެއް ކަމަށް އާބަންކޯއިން ބުނެއެވެ.