Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ޝަރަފުއްދީން ސްކޫލު މަގަށް ތާރު؛ އެތައް ބަޔަކަށް ލުޔެއް!

ޝަރަފުއްދީން ސްކޫލު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ / ފޮޓޯ : އައްޑޫލައިވް

އައްޑޫގައި މަގު ހެދުމުގެ މަޝްރޫޢޫގެ ދަށުން ޖީކޭޑީން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހިތަދޫ ޝަރަފުއްދީން ސްކޫލު ހުންނަ މަގުގެ މަސައްކަތް ސްކޫލު ފެށުމުގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސްކޫލު ފެށުމުގެ ކުރިން މިމަހުގެ މަސައްކަތް ނިންމުމަށް ހިފާފައިވާ މިމަގަކީ، އައްޑޫގެ އެންމެ ބޮޑު 2 ސްކޫލާއި، އަދި ޤައުމީ ޔުނިވާސިޓީ ކެމްޕަސް ހުންނަ މަގެވެ. މިހެން ވުމުގެ ސަބަބުން މަގަކީ ސްކޫލު ދުވަސްތަކުގައި އެންމެ ކާރުބާރު ބޮޑު މަގެވެ. އަދި ވިއްސާރަ ދުވަސްވަރު އެންމެ ބޮޑަށް ބޭނުން ކުރަން އެންމެ ދަތި އެއް މަގެވެ. މިމަގުގެ މަސައްކަތް ގޮސްފައިވާ ހިސާބައް ބަލާއިރު މިހާރު ޝަރަފުއްދީން ސްކޫލާއި ޤައުމީ ޔުނިވާސިޓީ ކުރިމަތިން ދަނީ ތާރު އަޅަމުންނެވެ. މިމަސައްކަތުގެ ސަބަބުން މި މަގު ބޭނުން ކުރާ އެތަށް ބަޔަކަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ.


މިމަސައްކާތާއި ގުޅޭގޮތުން އައްޑޫލައިވްއަށް މައުލޫމާތު ދެއްވަމުން އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓާއި ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ އަބްދުﷲ ސާދިޤް ސޯބެ ވިދާޅުވީ، މިމަސައްކަތް މިހާރު ރޭވިފައިވަނީ ސްކޫލު ފެށުމުގެ ކުރިން މަގުގައި ތާރުއަޅައި ނިންމަން ކަމަށެވެ. އަދި މިމަހުގެ އިތުރަށް، ޝަރަފުދީން ސްކޫލުގެ އުތުރުން ހުރަހަށް އޮތް އަމީނީ މަގުގެ މަސައްކަތްވެސް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެ މަގުގެ ހޮޅިއަޅައި ޑްރައިން ޕިޓްތައް ބަހައްޓައި، ކާބް ސްޓޯން ޖެހުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ވެސް ސްކޫލު ފެށެންވާއިރު ނިންމަން މަސައްކަތް ކުރަމުންދާ މަގެއް ކަމަށް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 1100 އެއްހާ ދަރިވަރުން ކިޔަވަމުންދާ ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލް ހުސެއިން މުސައްވިރު ހޯމަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިމަގަކީ ވޭތުވެދިޔަ އަހަރުތަކުގައި ސްކޫލުގެ ދަރިވަރުންނާއި ބެލިނިވެރިން އަދި މުވައްޒަފުން، މަގު ބޭނުން ކުރަން އެތަކެއް ތަކުލީފެއް އުފުލަން ޖެހުނު މަގެއް ކަމަށެވެ. އަދި މަގު ހެދިގެން ދިއުމަކީ ސްކޫލަށާއި އަދި މުޖްތަމަޢަށް ލިބިގެންދާ ބޮޑު ލުޔެއް ކަމަށް ވިދާޅުވިއެވެ.

މިމަސައްކަތް ކުރިއަށްދާއިރު ބައެއް އާންމުންނާއި ބެލެނިވެރިންވެސް ވަނީ މިއީ ވަރަށް ބޮޑު ލުޔެއް ކަމަށް ބުނެފައެވެ. ޤައުމީ ޔުނިވާސިޓީގެ ކްލާސްތަކަށް ދާ ދަރިވަރުންނާއި، ޝަރަފުއްދީން ސްކޫލަށްދާ ބެލެނިވެރިން އަދި މުވައްޒަފުންގެ އިތުރުން ދަރިވަރުންނަށް ބޮޑު ލުޔެކެވެ. އަދި މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގެ މަގުގެ އެހެން ސަރަހައްދެއްގައި ހައި ސްކޫލު ކުރިމަތިންވެސް ތާރު އެޅި މަސައްކަތް ނިމިގެންދާއިރު މިއީ އެ ސްކޫލަށްވެސް ދާ ދަރިވަރުންނާއި ބެލެިނިވެރިންނަށް ބޮޑު ލުއި ފަސޭހައަކަށް ވެގެން ދާނެއެވެ.

އައްޑޫގެ އެންމެ ކާރުބާރު ބޮޑު އެއް މަގަށް ސްކޫލު ދުވަސް ވަރު މިމަގުގެ ވެގެންދާއިރު، މިހާރު އައްޑޫގެ ބޮޑެތި ގިނަ މަގުތަކުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ޕްލޭނިންގް މިނިސްޓްރީން ވަނީ މިހާރު ހެދިފައި ހުރި މަގުތަކުގައިވެސް ފެން ހިންދާ ނިޒާމުގެ އެޅުމުގެ މަސައްކަތް ދާ ކަން ފާހަގަކޮށް އެއްވެސް މަގެއް ދޫކޮށް ނުލާ މަސައްކަތް ކުރިއަށްދާނެ ކަން ފާހަގަކޮށްފައެވެ.