ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން އިސްވެ ތިއްބަވާ އުފައްދަވާ "ދަ ޑިމޮކްރެޓްސް" ޕާޓީ ރަޖިސްޓްރީކޮށް ދީފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ދަ ޑިމޮކްރެޓްސް" ނަމުގައި، ސިޔާސީ ޕާޓީ އެއް އުފެއްދުމަށް، ހ. ސީވީޑް އަލްއުސްތާޛް ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަ ވާންޖެހޭ އިޖްރާއާތު ފުރިހަމަ ކޮށްފައިވާތީ، ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް، މިއަދު ބޭއްވި އިލެކްޝަންސް ކޮމިޝަންގެ ޖަލްސާގައި، މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.
ދަ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދަށް ތާއިދު ކުރައްވާ ފަރާތްތަކުން އުފައްދަވާފައިވާ ސިޔާސީ ޕާޓީއެކެވެ. ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ 2023 މެއި 24 ވަނަ ދުވަހުއެވެ. ހަފްތާއެއްގެ ތެރޭގައި ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށް ޖޫން 1 ގައި 3560 ފޯމު އެ ޕާޓީން އީސީއަށް ހުށަހަޅާފައިވެއެވެ. އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ޖަލްސާ ބާއްވާފައިވަނީ 5 ޖުލައި ގައެވެ.
ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެކްޓްސް އަށް ސޮއިކުރުމަށް ބާއްވާ ޖަލްސާ ބްރާސްފަތި ދުވަހުގެ ރޭ ބެއްވުމަށް ވަނީ ނިންމާފައެވެ.