އާރްޑީސީ މައްސަލަ ތަހުޤީޤު ކުރިއަށްދާ ކަމަށާއި، ތަހުޤީގު ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަންގާފައިނުވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ އިދާރާއިން ބުނީ، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީގެ އާއި ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުޤީގު ކުރިއަށްދާ ކަމަށެވެ. އަދި މިމައްސަލަ ކުރިއަށް ނުގެންދަން ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަނގަވާފައިވާ ކަމަށް، ބުނެ "ދިޔަރެސް" ނޫހުން ރިޕޯޓުކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ދޮގު ހަބަރެއް ކަމަށެވެ. މީގެ އިތުރުން މައްސަލައިގެ ތަހުޤީގުގައި ވަކިގޮތަކަށް އަމަލުކުރަން އެއްވެސް ފަރާތަކުން ނާނގާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުން ބުނެފައިވަނީ، މައްސަލައިގެ ތަހުޤީޤުގައި ހިމެނޭ އެއްވެސް ފަރާތަކުން ދިޔަރެސް އަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށާއި، މި ޙަބަރާއި ގުޅިގެން ފުލުހުންގެ އިދާރާއިން އެއްވެސް މައުލޫމާތެއް ހޯދުމަށް ދިޔަރެސް ނޫހުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އަދި ފުލުހުން ކުރިއަށްގެންދާ ތަހުޤީޤަކާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލޭގޮތަށް ދޮގު މަޢުލޫމާތު ފެތުރުމަކީ ކަންބޮޑުވާކަމެއް ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.
އާރްޑީސީގެ މައި އެކައުންޓުން 13.8 މިލިއަން ރުފިޔާ އެކުންފުނީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) އަދި ޗީފް ފައިނޭންޝަން އޮފިސަރ ޔާސިރު ހަސަން ނަގާފައިވާ ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. މިމައްސަލައިގެ ތަފްސީލެއް އާންމު ނުކުރި ނަމަވެސް އާރްޑީސީއާއި ގުޅޭ މައްސަލައެއް ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިމައްސަލާގައި އާރްޑީސީ އެމްޑީ މޫކޭ ވަނީ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގެއް ކަމަށް ބުނެފައެވެ. އަދި އާރްޑީސީގެ އެކައުންޓުތަކުން ހިންގާ މުޢާމަލާތްތައް ފެންނަން ހުންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.