އައްޑޫ މަރަދޫގައި ބީޗެއް ތަރައްޤީ ކޮށްދޭނެ ބަޔަކު ހޯދަން އައްޑޫސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
އައްޑޫސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނީ މިމަސައްކަތަށް ޝައުޤުވެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މިމަހުގެ 18 ވަނަ ދުވަހު 14:00 ގެ ކުރިން ބީލަމަށް ރެޖިސްޓްރީ ކުރުމަށް މެއިލް ކުރުމަށެވެ. އަދި މިމަހުގެ 20 ވަނަ ދުވަހު 12:00 އާއި ހަމައަށް ބީލަމާއި ގުޅޭ މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި 20 ވަނަ ދުވަހު 10:00 ޖަހާއި މިކަމާއި ގުޅޭ މައުލޫމާތު ސެޝަނެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިމަސައްކަތުގެ ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ މި ޖުލައި މަހުގެ 31 ވަނަ ދުވަހު 11:00 ގައި އައްޑޫސިޓީ ކައުންސިލް އިދާރާގައެވެ. ބީލަމާއި ގުޅޭ ތަފްސީލު ހޯދައި ރެޖިސްޓަރ ވުމަށް މެއިލް ކުރަން ޖެހޭނީ [email protected] އަށެވެ.
އައްޑޫސިޓީ ކައުންސިލުން މަރަދޫގައި ބީޗެއް ތަރައްޤީ ކުރަން ހުޅުވާލާފައި މިވަނީ މަރަދޫ-މަރަދޫ ފޭދޫގެ ބިން ހިއްކުމުގެ މަސައްކަތް ނިމި، ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހިލަ ޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. އައްޑޫސިޓީ ކައުންސިލުން ވަނީ މި އަންނަ އޯގަސްޓް މަހު މަރަދޫ ބިން ބޭނުން ކުރާނެ ގޮތުގައި ލޭންޑް ޔޫޒް ޕްލޭން ހެދުމަށް ރައްޔިތުންނާއި މަޝްވަރާ ފަށާނެ ކަމަށް ބުނެފައެވެ.
މީގެ ކުރިން މަރަދޫގައި މޫދަށް އެރި އުޅުނީ ހިތަދޫ ކޮޅުން ހަނކެޑެ ދިމާލުން ކޯޒްވޭ ކައިރި ފަތާ ޓްރެކް އަޅައި އެ ސަރަހަދަށެވެ. އަދި މިނޫންވެސް ފުއްޓަރުން ބައެއް ސަރަހައްދުތަކުގައި ބީޗްތައް ހަދައި އެ ސަރަހައްދުތައް މޫދަށް އެރިއުޅުމަށް އެރަށުގައި ބޭނުން ކުރަމުން ދިޔައެވެ. ނަމަވެސް މިހާރު ބިން ހިއްކުމުގެ މަސައްކަތާއި އެކު އެ ސަރަހައްދުތައް އެއްކޮށް ވަނީ ހިއްކާފައެވެ. މަރަދޫގެ ފަތާ ޓްރެކް މިހާރު އޮންނަނީ މަރަދޫ ބަނދަރުގެ އުތުރުންނެވެ.