އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ހަދައި އެތަން ތަންތަން އޮޕަރޭޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ކައުންސިލުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފަ އެވެ.
ފޭދޫގައި ގާއިމުކުރަން ހަމަޖެހިފައިވާ މި ފެސިލިޓީތަކަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ކުންފުނިތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 25 އާ ހަމައަށެވެ. ކައުންސިލުން ބުނި ގޮތުގައި މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ކުންފުނިތަކުން އެ ކުންފުނިތަކުގެ ފާއިތުވި ތިން އަހަރުގެ މާލީ ބަޔާން ހުށަހަޅަން ޖެހޭނެ އެވެ. އަދި އެ ކުންފުންޏެއް ވާން ޖެހެނީ މަދުވެގެން 10 އަހަރުގެ ތަޖުރިބާހުރި ކުންފުނިތަކަކަށެވެ.
އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލަން ހަދަން ނިންމާފައިވާ މި ކައުންސިލުން ދައްކަނީ 2021 އިން ފެށިގެންނެވެ. މި ފެސިލިޓީތައް ގާއިމުކުރަން ހަމަޖެހިފައި ވަނީ ފޭދޫގެ ކުރީގެ ރަސްމީ ބޯޅަދަނޑާއި އެ ސަރަހައްދާ ދިމާލުން ފޭދު އާއި ގަމާ ގުޅޭ ހިސާބުގަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ފާސްކުރި ފޭދޫ ލޭންޑް ޔޫޒް ޕްލޭނުގައި ވެސް ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލަށް ބިން ކަނޑައަޅާފައިވެ އެވެ. ކައުންސިލުން ބުނެފައިވާ ގޮތުގައި ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް ހަދާ ސަރަހައްދުގައި 100 ކޮޓަރީގެ ހޮޓަލެއް ވެސް ތަރައްގީކުރާނެ އެވެ.
މި ޕްރޮޖެކްޓަށް ވެސް ކުރިން ވެސް ބައެއް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވެ އެވެ.
އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ހަދަން ވާހަކަ ދެކެވި އެކަމާ ގުޅޭ ޕްލޭންތަކެއް އެންމެ ފުރަތަމަ ކުރެވުނީ 2007 ހިސާބުގަ އެވެ. އަދި 2008 ގައި ނެރުނު "ވިޝަން "އައްޑޫ" ގައި ވެސް އެޕްރޮޖެކްޓައް ހިމެނި އެވެ.