Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

އެމިލީ އެކްޓިން އިން ބްރޭކެއް ނަގަނީ

އާއިލާ އަށް ވަގުތު ދޭން އެކްޓިން އިން ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށް ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެމިލީ ބްލަންޓް ބުނެފި އެވެ.

"ދަ ޑެވިލް ވެއާސް ޕްރާޑާ" އާއި "ދަ ގާލް އޮން ދަ ޓްރެއިން" އަދި "ދަ ޔަންގް ވިކްޓޯރިއާ" ފަދަ މަގުބޫލު އެތައް އުފެއްދުމެއްގައި މަސައްކަތްކޮށްފައިވާ 40 އަހަރުގެ އިނގިރޭސި ބަތަލާ ދަރިންނަށް ބޭނުންވާ ވަރަށް މިހާރު ވަގުތު ނުދެވޭ ކަމަށާއި އަދި އެކަމާ ހެދި ދަރިންގެ ޝަކުވާތައް ވެސް ވަރަށް ގިނަ ކަމަށް މިދިޔަ ހޯމަ ދުވަހު ޕޮޑްކާސްޓް ޝޯ "ޓޭބަލް ފޯ ޓޫ" ގައި އެމިލީ ބުންޏެވެ.

މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ޖޯން ކްރަސިންސްކީގެ އަންހެނުން ބުނި ގޮތުގައި އޭނަ ފިލްމީ މަސައްކަތުގައި ވަރަށް ބިޒީކޮށް އުޅޭތީ ޕްރޮފެޝަނަލް ކެރިއަރާއި އަމިއްލަ ދިރިއުޅުން ބެލެންސް ކުރަނީ ކިހިނެއްތޯ ވަރަށް ގިނަ މީހުން ސުވާލު ވެސް ކުރާ ކަމަށެވެ. އެކަމަކު އެ ދެ ބައި ބެލެންސްކުރެވޭ ކަމަށް އަމިއްލަ ގަބޫލުނުކުރާ ކަމަށް އެމިލީ ބުންޏެވެ.

"އެކަން އަހަންނަށް ކުރެވޭނެ ނަމަ ހަގީގަތުގައި ދަރިންގެ ފަރާތުން ޝަކުވާތަކެއް ނާންނާނެ. މިހާރު ދަރިން އަހާނެ މަންމަ ދާނަންހޭ ސްކޫލަށް ދޮށަށް ބަލައި، ނޫނީ ސްކޫލަށް ލާން ދާނަންހޭ؟ ނޫނީ ނިންދަވަން އޮންނާން ހެއްޔޭ؟" އެމިލީ ބުންޏެވެ. "އެ ކަހަލަ ޝަކުވާ ދަރިންގެ ފަރާތުން ތަކުރާރުކޮށް އަންނާތީ އަހަރެން ގަބޫލު ކުރަނީ އެބަޖެހޭ މި ދަނޑިވަޅުގައި އެކްޓިންއެއް ބްރޭކެއް ނަގަން. އޭރުން ދަރިންގެ ކަންކަމާއިގެން އުޅެވޭނެ."

ނަމަވެސް ބްރޭކެއް ނަގާނެ އިރަކާއި އެކަމަށް ކިހާ ވަގުތަށް ނަގާނެ ކަމެއް ހުނަރުވެރި ބަތަލާ ހާމައެއް ނުކުރެ އެވެ. އެމިލީ އާއި ކްރަސިންސްކީގެ ތިބެނީ ދެ އަންހެން ކުދިންނެވެ. އެއީ 9 އަހަރުގެ ހޭޒެލް އާއި 7 އަހަރު ވައިލެޓް އެވެ.

އެމިލީ ދެން އެންމެ އަވަހަށް ފެންނަން އޮތް ފިލްމީ ކްރިސްޓޯފާ ނޯލަން މި މަހުގެ 21 ގައި ގެނެސްދޭ ބައޮގްރަފިކަލް ތުރިލާ "އޯޕަންހީމާ" އެވެ.