އެމެރިކާފެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕެއާސްގެ ބައޮގްރަފީ މި އަހަރުގެ އޮކްޓޯބަރު މަހު ނެރޭކަން އިއުލާންކޮށްފި އެވެ.
އެ މަހުގެ 24 އަށް ތާވަލުކޮށްފައިވާ މި ފޮތަށް ދީފައިވާ ނަމަކީ "ދަ ވުމަން އިން މީ" އެވެ. މި ފޮތް ނެރެނީ ޕަބްލިޝިން ހައުސް، ސައިމަން އެންޑް ޝޫސްޓާގެ ދަށުން ހިންގަމުން އަންނަ ގެލެރީ ބުކްސްއިންނެވެ.
ކާމިޔާބު މިއުޒިކީ ކެރިއަރެއް ބިނާކުރި ނަމަވެސް އަމިއްލަ ދިރިއުޅުމާއި އާއިލީ ގިނަ މައްސަލަތަކެއްގެ ތެރެއަށް ވެއްޓި ކެރިއަރަށް ވެސް އޭގެ ނޭދެވޭ އެތައް އަސަރެއްކުރި ބްރިޓްނީގެ ބައޯގްރަފީ މި އަހަރު ނެރޭކަން އިއުލާންކުރީ މިދިޔަ އަހަރު އެވެ. މީގައި އޭނަގެ ހަޔާތުގެ ވަރަށް ވާހަކަ ކިޔައިދޭނެ އެވެ. އޭގެ ތެރޭގައި މިއުޒިކީ ކެރިއަރާއި އަމިއްލަ ދިރިއުޅުމުގެ އެތައް ވާހަކައެކެވެ. ހާއްސަކޮށް ދެހާސް އެކާވީހުގައި ބްރިޓްނީ 13 އަހަރު ފަހުން، ބައްޕަގެ ފަރާތުން މިންޖުވި "ކޮންޒަވޭޓަޝިޕް" އާ ބެހޭ އެތައް ވާހަކައެއް ފޮތުގައި ކިޔައިދޭނެ އެވެ.
ދެ ކުދިން ތިބި ބްރިޓްނީ މިދިޔަ އަހަރު ވަނީ އެކްޓަރު/ފިޓްނެސް އިންސްޓަރްކަޓަރު ސާމް އަސްގަރީއާ ކައިވެނިކޮށްފަ އެވެ. މި ކައިވެނީގެ ކުރިން "އޫޕްސް! އައި ޑިޑް އެގެއިން" ފަދަ ހިޓް ލަވަތައް ގެނެސްދިން ބްރިޓްނީ ދެ ކައިވެންޏެއްކުރި އެވެ. އަދި އޭނަގެ ދެ ދަރިން ކަމަށްވާ ޝޯން ޕްރެސްޓަން ފެޑަލީން، 17، އާއި ޖޭޑެން ޖޭމްސް ފެޑެލީން، 16، ގެ ބައްޕަ އަކީ ދެވަނަ އަށް ކައިވެނިކުރި ކެވިން ފެޑަލިން އެވެ. ކެވިން އާއި ބްރިޓްނީ 2004 ގައި ކުރި ކައިވެނި ރޫޅުނީ 2007 ގަ އެވެ.
އޭގެ ކުރިން 2004 ގައި ބްރިޓްނީ އެލެން އެލެގްޒެންޑާ ކިޔާ މީހަކާ ވެސް ކައިވެނިކުރި އެވެ. އެ ކައިވެނި ދެމިއޮތީ އެންމެ 55 ދުވަހަށެވެ.
ބްރިޓްނީ މިދިޔަ އަހަރު ބަލިވެއިނެވެ. އެކަމަކު ބަލިވެއިންތާ މާ ގިނަ ދުވަސްތަކެއް ނުވެ ވަނީ ބައިގެންގޮސްފަ އެވެ.