Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ކޫއްޑު އާއި ތިނަދޫ ފެސިލިޓީން އިތުރު ކުރިއެރުމެއް

މިފްކޯގެ 4 މަޝްރޫޢެއްގެ ސިވިލް މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރުން / ފޮޓޯ: އެމްޓީސީސީ

ގ.އ ކުއްޑޫ އަދި ގ.ދ ތިނަދޫ މަސްވެރިކަމުގެ ފެސިލިޓީތަކުގެ ޢިމާރާތް ކުރުމުގެ މަސައްކަތައް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މިއަދު މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމީއްޔާތުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީއެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އެއްބަސްވުމުގެ ދަށުން ކޫއްޑޫގެ ދެ ފެސިލިޓީއެއް އަދި ތިނަދޫގެ ދެ ފެސިލިޓީއެއްގެ ޢިމާރާތުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. ސައުދީ ފަންޑޫގެ އެހީގައި ކުރިއަށް ގެންދާ މިމަޝްރޫޢުތަކުގެ ޖުމްލަ އަގަކީ 42.26 މިލިއަން ރުފިޔާ އެވެ.


ތިނަދޫގެ އިންޑަސްޓްރިއަލް ޒޯނުގައި ކުރާ މަސައްކަތަކީ ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. އެގޮތުން ތިނަދޫ ކޯލްޑް ސްޓޯރޭޖާއި، ޑީސެލް ޓޭންކުގެ ފައުންޑޭޝަން މަސައްކަތާއި އެއް ފަންގިފިލާ ހިމެނޭ 4790 އަކަފޫޓު އޮފީސް އިމާރާތާއި، ކެމިކަލް ގުދަނަކާއި، ލޮނު ރައްކާ ކުރާ ގުދަނެއް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 3050.3 އަކަފޫޓޫގެ ސަރަހައްދެއްގައި ރީ އިންފޯސްޑް ކޮންކްރީޓް ޕޭވިން އެޅުމުގެ މަސައްކަތް ވަނީ ހާވަލުކުރެވިފައެވެ.

ކޫއްޑޫގައި އެކުންފުންޏާއި ހަވާލުކުރެވިފައިވާ މަސައްކަތުގެ ތެރޭގައި އެ ރަށުގައި ކަލަމިންޖާ ޖެޓީ ބޮޑުކުރުން ހިމެނެއެވެ. އެގޮތުން 9900 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރުމުގެ މަސައްކަތް ވަނީ ހަވާލުކުރެއްވިފައެވެ. އަދި 222 މީޓަރުގެ ސަރަހަދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖަހަން ވަނީ ހަމަޖެހިފައެވެ. މިއާއެކު ކޫއްޑޫގެ ބްރައިން ފްރީޒިން އިމާރާތުގެ މަސައްކަތާއި ވެސް އެމްޓީސީސީން ވަނީ ހަވާލުވެފައެވެ.

މިފްކޯ އޮފީހުގައި ބޭއްވި ރަސްމީއްޔާތަށް ފަހު ވާހަކަ ދައްކަވަމުން އެމްޓީސީސީ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިމަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި، އަދި މިވަގުތުވެސް އެމްޓީސީސީގެ މަސައްކަތަކެއް ކުރިއަށްދިއުމުން ސައިޓް މޯބަލައިޒް ކުރަސް ފަސޭހަވާނެ ކަމަށެވެ.


ސަރުކާރުން މަސްވެރިކަމުގެ ސިނާޢާތް ކުރިއެރުމަށް ވަރަށް ބޮޑު އިސްކަމެއް ދެެއްވާކަން ފާހަގަކޮށް އެމްޓީސީސީން ވަނީ މި ސިނާޢަތުގައި އެމްޓީސީސީއާއި ހަވާލުވެފައިވާ ގިނަ މަޝްރޫޢުތައް ވީހާވެސް އަވަހަށް ނިންމާ ހަވާލުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިފްކޯއިން ވަނީ މި ފެސިލިޓީތަކުގެ މަސައްކަތް ނިމޭއިރު މިފްކޯއަށް މިހާރު މަސްވެރިކަން ރަނގަލު ދުވަސްވަރު މަސް ކިރުވުމުގައި ދިމާވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެން ދާނެ ކަމަށެވެ.