Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

ކާތިކްގެ އެންމެ ޗެލެންޖިން މަސައްކަތް ފަށައިފި

ބޮލީވުޑްގެ ޒުވާން ތަރި ކާތިކް އާރިއަންގެ ފިލްމީ ކެރިއަރުގައި އެންމެ ޗެލެންޖިން ރޯލު ކުޅޭ ފިލްމު "ޗަންދޫ ޗެމްޕިއަން" ގެ ޝޫޓިން ފަށައިފި އެވެ.

ފިލްމުގެ ޝޫޓިން އިއްޔެ ލަންޑަންގައި ފެށި ވާހަކަ ޑައިރެކްޓަރު ކަބީރު ޚާނާ އެކީ ނަގާފައިވާ ފޮޓޯއަކާއި އެކީ ކާމިޔާބު އެކްޓަރު ސޯޝަލް މީޑިއާގައި ހިއްސާކޮށް ބުނީ މިއީ ކެރިއަރުގެ އެންމެ ޗެލެންޖިން މަސައްކަތް ކަމަށާއި މިއީ ކެރިއަރުގެ އެންމެ އުފާވެރި ދަތުރު ވެސް ކަމަށެވެ. "ޗަންދޫ ޗެމްޕިއަން" އަކީ ކާތިކް ބޮކްސިން ތެޅުންތެރިއެއްގެ ރޯލުން ފެންނާނެ އެއްޗެކެވެ.

މި ފިލްމުގެ ޕްރޮޑިއުސަރަކީ އޭނަގެ އެންމެ ފަހުގެ ފިލްމު އަދި މިދިޔަ މަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ "ސަތިއަޕްރޭމް ކީ ކާތާ" ގެ ވެސް ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ އެވެ. "ޗަންދޫ ޗެމްޕިއަން" އަކީ ކަބީރާ އެކީ ކާތިކް މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

"ބަޖްރަންގީ ބައިޖާން" އާއި "އޭކް ތަ ޓައިގާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ ރަންވީރު ސިންގްއާ އެކީ 2021 ގައި ގެނެސްދިން "83" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ޗަންދޫ ޗެމްޕިއަން" ގެ ބަތަލާ އަކީ ޝްރަދާ ކަޕޫރެވެ. އެކަމަކު ފިލްމުގެ ޓީމުން އަދި އެކަން ކަށަވަރުކޮށެއް ނުދެ އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ޖޫން 14 ގަ އެވެ.