އިންޑިއާގައި މި ދުވަސްކޮޅު ޓޮމާޓޯގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާތީ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޑިމާންޑާ އެއްވަރަށް މިހާރު ޓޮމާޓޯ ނުލިބޭތީ އޭގެ އަގު ވަނީ 400 ޕަސެންޓަށް އުފުލިފަ އެވެ. އާންމު ގޮތެއްގައި އިންޑިއާގެ ޓޮމާޓޯ ކިލޯއެއް އެވްރެޖްކޮށް 41 ރުޕީސް އަށް ލިބުނު ނަމަވެސް، އަގު މިހާރު ވަނީ 200 ރުޕީސްއާ ހަމައަށް އަރައިފަ އެވެ.
ޓޮމާޓޯގެ ދަތިކަން ކުރިމަތިވެފައި ވަނ މޫސުމީ ގެއްލުންތަކާއި ގަސްތަކަށް ޖެހެމުންދާ ބަލިތަކާ ހެދި އެވެ. އެހެންވެ މީގެ ކުރިން އިންޑިއާގައި ޓޮމާޓޯގެ ދަތިކަން ކުރިމަތި ނުވާ ވަރަށް ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޓޮމާޓޯގެ ދަތިކަން ކުރިމަރިވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.
އަނެއްކޮޅުން ޓޮމާޓޯ ހައްދާ ދަނޑުވެރިންގެ ދަނޑުތަކުން ވަގުން ވައްކަންކުރާ މައްސަލަތައް ވަރަށް ބޮޑެވެ. މިދިޔަ ހަފުތާގައި ވެސް ދަނޑަކުން 60 ކިލޯގެ ޓޮމާޓޯ ވަގަށް ގެންދިޔަ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.
ޓޮމާޓޯ އަކީ އިންޑިއާގެ ކައުންތައް ތައްޔާރުކުރުމުގައި ވަރަށް އާންމުކޮށް ބޭނުން ކުރާ ބާވަތެކެވެ.
މީގެ ދަތިކަމާއި އަގުގެ އިންތިހާ އަށް އުފުލުފައިވާތީ "އާޖު ތަކް" އަށް ދިން އިންޓަވިއުއެއްގައި ސުނިލް ބުނީ ޓޮމާޓޯގެ އަގު މިހާރު އަތްނުފޯރާ ހިސާބަށް ގޮސްފައިވާތީ އޭނަގެ ގޭގައި ޓޮމާޓޯ ކެއުން ވަރަށް ބޮޑުތަން މަދުކޮށްފައިވާ ކަމަށެވެ.
"އަންހެނުން އަބަދު ވެސް ބޭނުންވޭ ހަފުތާގެ ހުރިހާ ދުވަހެއްގައި ވެސް ތާޒާ ތަރުކާރީގެ ބާވަތްތައް ބޭނުން ކުރަން. އެކަމަކު މިހާރު ޓޮމާޓޯގެ އަގު ވެސް ވަރަށް ބޮޑަށް އުފުލިފައިވާތީ އަހަރެމެން ގޭގައި ހަފުތާ އަކު ދެ ދުވަހު މިހާރު ތަރުކާރު ކަނީ،" އޭނަ ބުންޏެވެ. "ހާއްސަކޮށް ޓޮމާޓޯ ވަރަށް ބޮޑު ތަނުން މަދުކޮށްލައިގެން މި އުޅެނީ."
ސުނިލް ބުނި ގޮތުގައި އެ މީހުން އާންމުކޮށް ޓޮމާޓޯ ފަދަ ބާވަވްތައް ގަންނަނީ އޮންލައިންކޮށެވެ. އަދި ކަންޑާލާގައި އޮންނަ އަމިއްލަ ފާމްހައުސްގައި އަބަދު ވެސް ތަރުކާރީގެ ބާވަތްތައް ހައްދަން މަސައްކަތްކުރާ ކަމަށް "ދަޅުކަން" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އެކްޓަރު ބުންޏެވެ.