Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

މެޖިސްޓްރޭޓް ރަފީއުއްދީން ސަސްޕެންޑްކޮށްފި

މައްސަލައެއްގެ އަޑުއެހުންތައް ނިންމުމަށް ފަހު ހުކުމް ނުކޮށް ގާތްގަނޑަކަށް ދޮޅު އަހަރު މަޑުކުރެއްވި އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް ރަފީއުއްދީން ސަސްޕެންޑްކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ އޭނަ ސަސްޕެންޑްކުރީ އަވަސްނިޔާގެ އަޑުއެހުމުގައި މައްސަލައެއްގައި ބަޔާންތަކުގައި ސޮއިކުރެވިފައި ނުވާތީ، އެހެން ދުވަހަކަށް ޙުކުމް ކުރުމަށް ތާވަލުކުރާނެކަމަށް ޝަރީއަތުން ބުނެ، ޙުކުމްކޮށްފައި ނުވާ ކަމާއި، މައްސަލައިގެ ޙުކުމް ކުރުމަށް ތާވަލުނުކޮށް އެއް އަހަރާއި ފަސް މަހާއި 19 ދުވަސް ހޭދަކުރި މައްސަލައިގައި ކަމަށެވެ.

ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ރަފީއްއްދީން ވަނީ މައްސަލަގައި ޙުކުމް ކުރުމަށް ތާވަލުކޮށް، ދަޢުވާ ލިބޭ ފަރާތް ރަށުގައި ނެތުމުގެ ސަބަބުން ޙުކުމް ކުރުމުގެ މަޖިލިސް ކެންސަލް ކުރުމަށް ފަހު މައްސަލައިގެ ޙުކުމްނުކޮށް އޮއްވައި ، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ފޮނުވައި ދިނުމަށް އެދުމުން މައްސަލަ އަނބުރާ ފޮނުވައިދީފައިވާކަން ތަޙްޤީޤަށް ހޯދުނު ލިޔެކިޔުންތަކާއި ބަޔާންތަކުން އެނގެން ވެސް އޮތް ކަމަށެވެ.

އެހެންވެ ޤަޟިއްޔާގެ ޙުކުމް ކޮށްފައި ނުވަނީ މެޖިސްޓްރޭޓް ރަފީޢުއްދީންގެ އިހުމާލެއް އޮވެގެން ކަމަށް ސާބިތުވާތީ، އޭނަގެ އެ ޢަމަލަކީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށްކޮށްފައިވާ ޢަމަލެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

އެހެންވެ މިއަދުން ފެށިގެން ރަފީޢުއްދީން ވަޒީފާއަށް ނުނިކުމެ ހަފުތާއަކަށް ސަސްޕެންޑް ކުރުމަށް އިއްޔެ ބޭއްވުނު ޖޭއެސްސީގެ 46 ވަނަ ޖަލްސާގައި ވަނީ ނިންމައިފަ އެވެ.