Last Updated: April 28, 13:39
Sunday, April 28, 2024
ދުނިޔެ

ޓްވިޓާގެ މުވައްޒަފުންތަކެއް ވެސް ތުރެޑްސް އަށް

މިދިޔަ ހަފުތާގައި ލޯންޗްކުރި މެޓަގެ އާ އެޕް، ތުރެޑްސް ބޭނުންކުރާ ޓްވިޓާގެ މުވައްޒަފުން އިތުރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދަ ޑެއިލީ ބީސްޓުން ބުނެފައިވާ ގޮތުގައި ޓްވިޓާއާ ވާދަ އަށް މިދިޔަ ހަފުތާގެ ބުރާސްފަތީގައި ލޯންޗްކުރި ތުރެޑްސް ބޭނުންކުރާ ޓްވިޓާގެ މުވައްޒަފުންގެ އަދަދު މިހާރު 30 އަށް ވުރެ ގިނަ އެވެ. އެކަން ކަށަވަރުވެފައި ވަނީ އެ މީހުންގެ ލިންކްޑްއިން އެކައުންޓްތަކުން ވެސް ލިބެން ހުރި މައުލޫމާތުގެ އެހީގަ އެވެ.

މަހުޖަނު އީލޮން މަސްކްގެ ކުންފުނީގެ މުވައްޒަފުންތަކެއް ތުރެޑްސް ބޭނުންކުރަން ފެށި ނަމަވެސް އެހާ ފާޅުކަން ބޮޑުކޮށް އެ މީހުން އަދި ތުރެޑްސްގައި އެކްޓިވްއެއް ނޫނެވެ. އެކަމަކު ތުރެޑްސް ވަރަށް ރަނގަޅު ކަމަށް ބައެއް މުވައްޒަފުން ބުނެފައިވެ އެވެ. ޓްވިޓާ އިން ދާދި ފަހުން ވަކިވި ވަރަށް ގިނަ ބަޔަކު ވެސް ވަނީ ތުރެޑްސް ބޭނުންކުރަން ފަށައިފަ އެވެ.

އޭގެ ތެރޭގައި ޓްވިޓާގެ އެކްޒެކެޓިވް މަގާމެއް އަދާކުރެއްވި އެސްތާ ކްރޯފޯޑް ހިމެނެ އެވެ.

ތުރެޑްސް ލޯންޗްކުރުމާ އެކީ ގިނަ ބަޔަކު އެ ބޭނުން ކުރަން ފެށުމުން އީލޮން ވަނީ އެއީ ޓްވިޓާ ކޮޕީކޮށްގެން އަދި އެ ކުންފުނީގެ މުވައްޒަފުންތަކެއް ވެސް ބޭނުންކޮށްގެން ހަދާފައި އޮތް އެޕެއް ކަމަށް ބުނެ އެކަމާ ގުޅިގެން ދައުވާކުރާނެކަމުގެ އިންޒާރު ދެއްވައިފަ އެވެ. އީލޮން މިދިޔަ އަހަރު ޓްވިޓާ ބައްލަވައިގަތް ފަހުން އެ ވެފައި އޮތީ ބޭނުން ކުރާ މީހުންނަށް "ޒާތެއްގެ ތުރާލަކަ"ށެވެ.

ތުރެޑްސް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ވަނީ 100 މިލިއަނަށް އަރައިފަ އެވެ.