Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

އާރްޓީއެލް ފެރީގެ ހިދުމަތް ހުވަދޫގައި ފަށައިފި

އާރްޓީއެލް ޚިދުމަތް ހުވަދުއަތޮލޫގައި ފަށައިފި

ޤައުމީ ފެރީ ނިޒާމް، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ޚިދުމަތް ހުވަދޫ އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.

މި ޙިދުމަތް މިއަދު ފަށްޓަވައި ދެއްވީ އެމްޓީސީސީ ސީއީއޯ އާދަމް އާޒިމްއެވެ. ޖުމްލަ 6 ފެރީ ލޯންޗާއި އެކު ހުވަދޫގައި ފެށި މި ޚިދުމަތް ފުރަތަމަ ހަފްތާގައި ދޭނީ، މުޅި ހިލޭއެވެ. ހުވަދު އަތޮޅުގެ ގއ. އަދި ގދ. ހިމެނޭ ޒޯން 5 ގައި 9 ރޫޓެއްގައި ފެރީތައް ދަތުރު ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށ،ް މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ދިނުމާއިއެކ،ު ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުން ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި މުއްދަތުގައި ދަތުރުކުރުމަށް ޖާގަ ހޯދުމަށް ގުޅުއްވާނީ އެ ރަށެއްގެ ރަށު ކައުންސިލްއަށެވެ.

އެމްޓީސީސީން ބުނީ މިމަހުގެ 20 ވަނަ ދުވަހުގެ ފަހުން ކައުންސިލުން ޖާގަ ހަމަޖައްސައި ދިނުން ހުއްޓާލާނެ ކަމަށާއި ފެރީ ޝެޑިއުލް އަދި ރޫޓުތައް އާރްޓީއެލް މޯބައިލް އެޕްލިކޭޝަން އަދި ވެބްސައިޓު މެދުވެރިކޮށް ބަލާލެވޭނެ ކަމަށެވެ. އަދި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓްވެސް ނެގޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. ކިޔުއާރް ޓިކެޓް ގަންނާނެ ގޮތުގެ ވީޑިއޯ އާރ.ްޓ.ީއެލް ޔޫޓިއުބް ޗެނަލް އަދި މީސް މީޑިއާ އެކި މަންސަތަކުގައި ހިއްސާކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އާރްޓީއެލް ޓްރެވަލް އެޕް، އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭ ސްޓޯރއިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.


އެމްޓީސީސީން ހުވަދު އަތޮޅުގައި އާރްޓީއެލް ޚިދުމަތް ފެށިއިރު، މިއަންނަ އޯގަސްޓް މަހުގެ ނިޔަލަށް ހުވަދޫ ފުވައްމުލައް އަދި އައްޑޫ ގުޅުވާލާނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އާރްޓީއެލް ޚިދުމަތުގައި ބޭނުން ކުރާ ފެރީތަކަކީ ޒަމާނީ ފެންވަރުގައި ބަނދެފައިވާއި، ޙާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ފެރީތަކެކެވެ. މި ފެރީތަކަކީ މި ޚިދުމަތައް ހާއްސަކޮށް ބަނދެފައިވާ ފެރީ ލޯންޗުތަކެއް ކަމުން، މިއީ ރައްޔިތުންނަށް ވީހާވެސް ފަސޭހަވާނެހެން ދެވޭ ޚިދުމަތެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

ޤައުމީ ފެރީ ނިޒާމު އާރްޓީއެލްއަކީ ރައްޔިތުން ރަށު ބަނދުން ފިލުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވެފައިވާ ރިޔާސީ ވަޢުދުގެ ތެރެއިން ފެށި ޚިދުމަތެކެވެ. މި ޚިދުމަތުން މުޅި ރާއްޖެ އެއްކޮށް ގުޅުވާލައި ނިމޭނީ އައްނަ އަހަރު ނިޔަލަށް ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ. ހުވަދޫގައި އާރްޓީއެލް ޚިދުމަތް ފަށާފައިވާއިރު ގ.އ އަދި ގ.ދ އަތޮޅާއި އެކު އާރްޓީއެލް 6 އަތޮޅެއްގައި މި ޚިދުމަތް މިވަނީ ފެށިފައެވެ.