Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

ޖޯންގެ "ވޭދާ" އާ ތަމަންނާ ގުޅިއްޖެ

މިދިޔަ މަހު ޝޫޓިން ފެށި ޖޯން އަބްރަހަމްގެ ފިލްމު "ވޭދާ" ގެ ކާސްޓާ ބަތަލާ ތަމަންނާ ބާޓިއާ ވެސް ގުޅިއްޖެ އެވެ.

"ބާހްބަލީ" ފަދަ އިންޑިއާގެ ދެކުނު ފިލްމުތައް ކުޅެފައިވާ އަދި ބޮލީވުޑްގައި ވެސް މަސައްކަތްކުރާ ބަތަލާއާ ބެހޭ ގޮތުން "ވޭދާ" ގެ ޑައިރެކްޓަރު/ޕްރޮޑިސަރު ނިކިލް އަދުވާނީ ބުނީ ތަމަންނާ އަކީ އަބަދު ފިލްމުތަކުގައި މޮޅު އެކްޓިންއެއް ދައްކަމުން އަންނަ ބަތަލާއެއް ކަމަށާއި އޭނަގެ ފިލްމުން ހުނަރުވެރި ބަތަލާ އަށް ދިނީ ވަރަށް ހާއްސަ ރޯލެއް ކަމަށެވެ.

"ޔަގީންކަން އެބައޮތް އެ ރޯލަށް ތަމަންނާ ވަރަށް ރަނގަޅަށް އިންސާފުކޮށްދޭނެ ކަމަށް،" ނިކިލް ބުންޏެވެ. "ވަރަށް އުފާ ވެސް ކުރަން މި އޮފާ ތަމަންނާ ގަބޫލުކުރީތީ."

ފިލްމާ ބެހޭ ގޮތުން ތަމަންނާ ބުނީ އޭނަ އަކީ އަބަދު ވެސް ނިކިލްގެ ވަރަށް ބޮޑު ފޭނެއް ކަމަށާއި އޭނަ މިހާތަނަށް ގެނެސްދިން ހުރިހާ ފިލްމެއް ވެސް ވަރަށް ކަމުދިޔަ ކަމަށެވެ.

"ދެން ޖޯންއާ އެކީ މުޅިން އަލަށް މަސައްކަތް ކުރަން ލިބުމަކީ ވެސް ބޮޑު އުފަލެއް." ހަމްޝަކަލް އާއި ހިންމަތުވާލާ އަދި ބަބްލީ ބައުންސާ ފަދަ ހިންދީ ފިލްމުތައް ކުޅުނު ތަމަންނާ ބުންޏެވެ.

އޭނަ އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ މިދިޔަ މަހު ނެޓްފްލިކްސް އިން ގެނެސްދިން އެންތޮލޮޖީ "ލަސްޓް ސްޓޯރީސް 2" އެވެ. ތަމަންނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހު ރިލީޒްކުރާ ރަޖްނީކާންތުގެ "ޖެއިލާ" އެވެ.

"ވޭދާ" ގެ ކާސްޓާ ތަމަންނާ ގުޅުނު އިރު މީގެ ލީޑް ބަތަލާ އަކީ މިދިޔަ އަހަރުގެ "ބަންޓީ އޯރް ބަބްލީ 2" އިން ބޮލީވުޑަށް ނުކުތް ޝަރުވާރީ ވާގެވެ.