ހުޅުމީދޫ ބަނދާރާއިއެކު މަސްވެރިކަމުގެ 4 މަޝްރޫޢެއް މިއަންނަ އޯގަސްޓް މަހު ތެރޭ ނިންމާ ސަރުކާރާއި ހަވާލު ކުރެވޭނެ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީއާއި ހަވާލުކޮށްގެން މަސްވެރިކަމުގެ ސިނާޢާތުގެ މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރިއަށް އެބަގެންދެއެވެ. މީގެ ތެރެއިން އައްޑޫސިޓީ ހުޅުދޫ-މީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބަނދަރު މަސައްކަތާއި، މ. މުލައް މިފްކޯ ބަނދަރު ފާހަގަކޮށްލެވެއެވެ. މި ދެ ބަނދަރުގެ މަސައްކަތްވެސް އޯގަސްޓަށް ނިންމާލައި، ސަރުކާރާއި ހަވާލުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން ސްޓްރަކްޗަރަލް މަސައްކަތުގެ 90 އިންސައްތަ މިހާރު ނިމި، ތައްޔާރުވަމުންދަނީ ބަނދާރާއި ނެރު ފުން ކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫއުގެ ދަށުން، 471380 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 1788 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 97 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
ހުޅުމީދޫ މިފްކޯ ބަނދަރުގެ އިތުރުން މ. މުލަށް މިފްކޯ ބަނދަރުގެ 90 އިންސައްތަ ސްޓަރަކްޗަރަލް މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 160 މީޓަރު ޝީޓްޕައިލް ޖެހުމާއި، 68.9 މީޓަރު ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 3200 ސްކެއަރ މީޓަރު ޕޭވްމަންޓް ހެދުމާއި، 27 ބޮލަރޑް ހަރުކުރުމާއި، 16 ފެންޑަރ ހަރުކުރުމާއި، 11 ބަނދަރު ލައިޓު ހަރުކުރުމާއި، 2 ނެވިގޭޝަން ލައިޓު ހަރުކުރުމާއި، 8640 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމުގެ އިތުރުން 22400 ކިއުބިކް މީޓަރު ބިން ހިއްކުން ހިމެނެއެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް މިހާރުވަނީ އެއްކޮށްހެން ގާތްގަނޑަކަށް ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، 6 ހެކްޓަރުގެ ބިން ހިއްކުމާއި، 229،663.36 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިވެސް އޯގަސްޓް މަހު ނިންމާ ހަވާލު ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެވެ.
މި މަސައްކަތުގެ އިތުރުން ކ. ކަނޑުއޮއްގިރި މަސައްކަތް މި މަހުގެ ތެރޭ ނިންމައި ސަރުކާރާއި ހަވާލު ކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން، 10000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 10000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 125 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 265 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 63 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުތައް ނިމިގެންދާއިރު މަސްވެރިކަމުގެ ސިނާޢަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި މިއީ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީ ކުރުމަށް މިހާރު ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މަގު ފަހި ކުރުވާނެ މަޝްރޫޢޫތަކަށް ވާއިރު، ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖޭގެ މަސް ފިނި ކުރެވޭ ކެޕޭސިޓީ އިތުރުކޮށް މަސްކިރުވޭ މިންވަރުވެސް އިތުރު ކުރުމެވެ. މީއާއެކު މިހާރު މަސްކިރުވުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށް މިފްކޯ އިން ބުނެއެވެ.