ވެރިކަމުގައި ތިބޭ ބަޔަކު މުޒާހަރާއަށް ނިކުތުމަކީ އެ ސިޔާސަތާ މެދު ވިސްނަން ޖެހޭ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
މާލެ އަތޮޅުގެ ތިން ރަށަކަށް މިވަގުތު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކ. އަތޮޅު ގުޅީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ދައުލަތުގެ އާމްދަނީ ޖީޑީޕީ ނިސްބަތުން އިތުރުވެގެން ދިޔަ ނަމަވެސް، ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ސަރުކާރަކުން ފުއްދައި ނުދެވުނު ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި އެންމެ މުހިންމު ވާޖިބަކަށް ހެދީ ތަފާތެއް ނެތި ކޮންމެ ރައްޔިތަކަށް އަސާސީ ޚިދުމަތް ލިބޭ ގޮތް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މިކަންކަން ކުރުމަށް ހަމަޖެހުމާއި އަމާންކަން ބޭނުންވާ ކަމަށެވެ. އަދި އަބަދު ހަލަބޮލި ކަމެއްގެ ތެރޭގައި ރާއްޖެ ނުއޮތުން ފާހަގަކުރެއްވިއެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން މީގެ ކުރީގެ ވެރިކަންތަކުގައި ކަން ހިނގާފައިވާ ގޮތާއި ގުޅޭގޮތުން ވެސް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.
"އިދިކޮޅު ފަރާތްތަކުން ނިކުންނާނެ. ހިޔާލު ފާޅުކުރާނެ. އެހެން ނަމަވެސް ވެރިކަމުގައި ތިބޭ ބަޔަކު މުޒާހަރާ ކުރަން ޖެހުނީމަ އެއީ ވިސްނަން ޖެހޭ ކަމެއް. އެ ސިޔާސަތާ ދޭ ތެރޭ އަޅުގަނޑުމެން ވިސްނަން ޖެހޭނެ. ޤައުމުގެ އަމާންކަން ބަލަހައްޓަން ސިފައިންނާއި ފުލުހުން ތިބޭނެ. ސަރުކާރުގެ ތިބޭ ބަޔަކު ނުޖެހޭނެ އެކަން ކުރާކަށް " ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިދިޔަ ދައުރުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެގެން ދިޔަ ގޮތް އެމަނިކުފާނު ވިދާޅުވެ ދެއްވިއެވެ. ސިޔާސީ ވެރިން ޖަލަށްލައި، ފަނޑިޔާރުންނާއި ނޫސްވެރިންނާއި، އާންމު ރައްޔިތުން ޖަލަށްލިކަން ފާހަގަ ކުރެއްވިއެވެ. އަދި ޚުދު އެމަނިކުފާނު މަޖިލީހުގެ މެންބަރު ކަމުގައި ހުރިއިރު މަޖިލީހަތް ވަންނަން އުޅުއްވުމުން ދައުވާ ކުރެއްވިކަން ފާހަގަ ކުރެއްވިއެވެ.
ރައީސް މާލެ އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިއަދު މެނދުރު ފަހު ފުރަތަމަ ވަޑައިގަތި ގުޅިއަށެވެ. އަދި އޭގެ ފަހުން ކ. ގުރައިދޫއަށް ވަޑައިގެންނެވިއިރު މިރޭ މާފުށީގައި އޮތް ބޮޑު ޖަލްސާގައި އެމަނިކުފާނު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.