ހިތަދޫ ގޭދޮށު މަސް ޕްލާންޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް، ކޯޓު އަމުރެއް އޮތް ނަމަވެސް އަދި ކުރިއަށް ދިއުމާ ގުޅޭ ވަކިގޮތެއް ނުނިންމާ ކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
އައްޑޫ ލައިވްއިން ކުރި ސުވާލަކަށް ޖަވާބު ދެމުން އައްޑޫސީޓި ކައުންސިލުން ވިދާޅުވީ، މިމަސައްކަތް އެންމެ ފަހުން ހަވާލު ކުރެވުނު ސީބޮޓު ކުންފުނިން މައްސަލަ ކޯޓަށް ހުށަހަޅުމުން މިހާރު، މަސައްކަތް ކުރިއަށް ގެންދިއުމަށް ކޯޓު އަމުރެއް ލިބިފައި އޮތް ކަމަށެވެ. ނަމަވެސް މަސައްކަތުގެ ކޮންޓްރެކްޓް ބާތިލް ކުރީ، މާލީއްޔަތު ޤަވާއިދާ ޚިލާފަށް އެކުންފުންޏާއި ގޭދޮށު މަސް ޕްލާންޓުގެ މަސައްކަތް ހަވާލު ކުރުމުން ނެވެ. މިމައްސަލާގައި ކައުންސިލުން ވިދާޅުވީ، މިއަންނަ ހަފްތާ ތެރޭގައި ކައުންސިލުން މިމައްސަލާގައި ގޮތެއް ނިންމާނެ ކަަމަށެވެ.
ހިތަދޫ ގޭދޮށު މަސް ޕްލާންޓް ޑިޒައިން ބިލްޑް އެންޑް އޮޕަރޭޝަންސް އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލާއި ސީބޮޓްސް ޕވޓ. ލޓޑ އާއި ދެމެދު ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. pic.twitter.com/ohX66EQj7O
— Addu City Council (@AdduCityCouncil) January 2, 2022
އައްޑޫސިޓީ ހިތަދޫ ގޭދޮށު މަސް ޕްލާންޓެއް ތަރައްޤީ ކުރުމަށް އެންމެ ފުރަތަމަ 2020 ވަނަ އަހަރު ހަވާލު ކުރީ އެލްނާތު ކުންފުންޏާއެވެ. ނަމަވެސް މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވި އެންމެ ފަހުން ކައުންސިލުން އެއްބަސްވުން ބާތިލް ކުރިއެވެ. އޭރު މިމަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމަށް އެކުންފުންޏަށް ކައުންސިލުގެ ޓްރަސްޓް ފަންޑުން 900،000ރ. ވަނީ ދީފައެވެ. ނަމަވެސް މިފައިސާވެސް މިހާތަނަށް ކައުންސިލަށް އަނބުރާ ލިބިފައި ނުވާއިރު އެ މައްސަލަވެސް އޮތީ ކޯޓު މަރުހަލާގައި ކަަމަށް ކައުންސިލުން ބުނެއެވެ.
ދެން މިމަސައްކަތް ހަވާލު ކުރީ ސީބޮޓު ކުންފުންޏާއެވެ. އެ މަސައްކަތް އެކުންފުންޏާއި ހަވާލު ކުރުމުގައި، މައްސަލަތަކެއް ހުރެ އަމިއްލަ ފަރާތަކުން އެމައްސަލަ އޭސީސީއަށް ހުށަހެޅިއެވެ. އޭގަ ފަހުން ފިނޭންސް މިނިސްޓްރީން ވަނީ މި މަސައްކަތް ކަައުންސިލުން ހަވާލުކުރީ މާލީއްޔަތު ޤާވައިދާއި ޙިލާފަށް ކަމަށް ނިންމައި، އެއްބަސްވުން ބާތިލް ކުރުމަށް އަނގާފައެވެ.
ހިތަދޫ ގޭދޮށު މަސް ޕްލާންޓުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރެވިފައި ނުވާއިރު، މަރަދޫ މަސް ޕްލާންޓް މިއަހަރު ފަހުކޮޅަށް މަސައްކަތް ނިމި، އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ. އަދި ހުމީދޫ މަސްޕްލާންޓުވެސް މިހާ ހިސާބަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ކައުންސިލުން އުއްމީދު ކުރެއެވެ.