Last Updated: April 24, 18:14
Wednesday, April 24, 2024
ރިޕޯޓް

ބެއްޔާގެ ސިޔާސީ ފިކުރު

މިއަދު ބެއްޔާގެ މަތިން މާބޮޑަށް ހަނދާންވަނީއެވެ. އޭނާ ކޮބައިބާވައެވެ.
ނުދެކޭތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. އުޅޭ ހާލުވެސް ބަލައި
ނުލެވެއެވެ. މިހާރު ވަރަށް މުސްކުޅި ވެދާނެއެވެ. އެކަމަކު ބައްޔެއްވެގެން
މީހަކު އެޒާތުގެ ވާހަކައެއް ނުދައްކައެވެ. ކޮންމެއަކަސް މިއަދު ބެއްޔާގެ
ފިކުރުތަކާ ދުރަކަށް ނުދެވުނެވެ.

މީހުން ގަބޫލުކުރާ ހަމަތަކާއި ކަންކުރާން އޮންނަ ރިވެތިގޮތް ދޫކޮށްލައި
ހައިޖާނު ހެދުމަކީ ބައެއްމީހުން ނިކަން ކުރާ ހިތްވާ ކަމެކެވެ.
އަޅުގަނޑުގެ ބެއްޔާއަކީ ވެސް އެއިގެ ތެރެއިން މީހެކެވެ. އުމުރުން ބާރަ
ތޭރައާ ހަމައަށް މީނާއަށް ދަރިވަރުވުމުގެ ނަސީބު ނުވަތަ ބަދުނަސީބު
އަޅުގަނޑަށް ލިބުނެވެ.

މުހައްމަދު އަމީނަކީ މީނާގެ ހީރޯއެވެ. މުހައްމަދު އަމީނަށް
ސަނާކިޔުމުގައި ބައެއްފަހަރު ކުފުރުވެ ނިމިދާއިރުވެސް ރޭކާލުމެއް
ނޯވެއެވެ. ތަންކޮޅެއްކުރިން އީދު ދުވަސްދުވަހާއި ބައެއް ހުކުރުހުކުރުގައި
މުހައްމަދު އަމީން ތުރުކުރައްވާ ޒާތުގެ ފަޓްލޫނުލައިގެން އަތްދިގު
ގަމީސްލައިފައި މީނާ ރަށުތެރޭގައި ދެކޮޅަށް ހިގާނެއެވެ. އޭރު މީހާގެ
ބުރުސޫރަވެސް މާކަގޯހެއް ނޫނެވެ. އެކަހަލަ ދުވަސް ދުވަހު ހުންނާނީ ނިކަން
ރަނގަޅަށް ދޮންވެލީން ދަތްތައް އުގުޅައި ދެ ދަތްދޭތެރޭގައި ހުންނަ
އެތިވަރުތައް އިލޮށިބުރިތަކުން ނައްޓައި ހުދުކޮށްގެންނެވެ. މީހުން
ބުނާނެއެވެ. އަމީނާ ހާދަވައްތަރެވެ. ދެން ގެއަށްގޮސް ނިކަން ހެވިފައި
ހުންނާނެއެވެ.

އޭރު މީނާ ބުނާއަޑު އަހަމެވެ. މުހައްމަދު އަމީނަކީ އަހުމަދު
ދޮށިމޭނާކިލެގެފާނު އިރުވަރު ބަލައި މަސްދަތް ފިޔޮހި ޖަހައިގެން ދިވެހި
ގައުމަށްޓަކައި ހޯދި ދަރިއެކެވެ. އެހެންފަހަރަކު ބުނިއަޑު އެހީމެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު މުހައްމަދު އަމީނު ކަނޑު
ހުރަސްކުރައްވައި އަތޮޅުތަކަށް ބައިސިކަލުގައި ވަޑައިގަންނަވައެވެ.
ތިމަންނާވެސް އެބައިސިކަލް ދުށީމެވެ. މުހައްމަދު އަމީނަށް މިވަރަށް
ސަނާކިޔަނީ ކީއްވެގެންތޯ އަހައިލީމާ ދެ ވާހަކައެއް ކިޔައިދިނެވެ.
ފުރަތަމަ ވާހަކައަކީ މުހައްމަދު އަމީނު ދިވެހިރާއްޖޭގައި ރީތީގެ
މުބާރާތްތައް ބާއްވައި އެތަންމިތަނުން ޒުވާން އަންހެންކުދިން މާލެގެނެސް
ކާކީ ސޯޓު ތުރުކުރައްވައި ވިލާތުގެ ތަހުޒީބު ގެންނަވަން އުޅުއްވުމެވެ.
ދެވަނަ ކަމަކީ މުހައްމަދު އަމީނުގެ ބަސްމޮށުންތެރިކަމާއި
ލިޔުންތެރިކަމުގެ ހުނަރު މަތިވުމެވެ. ބުނެއެވެ. އެހެރަ ލިޔުއްވުމެކެވެ.
ވިލާތަށް ވަޑައިގެން ރޭގަނޑުގެ ކުލަބުތަކުގައި ވިލާތު ޝަރުބަތު ހިއްޕަވާ
ވާހަކަވެސް ގެންނަވާފައި ވަނީ ހާދަހާ ރީއްޗަށް ހާދަ ފުރިހަމަކޮށެވެ.
ޔަގީނެވެ. އެއްވެސް ދިވެއްސަކަށް ވިލާތުގެ ރޭގަނޑުގެ ކުލަބަކަށް ގޮސް
އެވިދާޅުވާ ޝަރުބަތުގެ ރަހަވެސް ތަޖުރިބާކުރެވިފައި ނުހުންނާނެއެވެ.

މުހައްމަދު އަމީނު ލިޔުއްވާފައިވާ ފޮތްތައް އެކިރާގުރާގަށް
ކިޔައިދިނުމަކީ މީނާ ވަރަށް ކުރާހިތްވާ ކަމެކެވެ. ޚާއްސަކޮށް
ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި މިފޮތް ކިޔައިދިނުން
ވަކީން ގިނަވާނެއެވެ. ބައެއްފަހަރު ކައިރި ގެޔަކުން ސިޔަރަތު ގެނެސްގެން
އަޅުގަނޑު ކިޔާން އުޅޭން ހެދީމާ ބުނާނެއެވެ. ކޮޔާއެވެ. ފޮތަކީ މިއެވެ.
އަމީނުގެ ފޮތަކަށް ދަރިވަރުވެއްޖެ މީހަކު ގެއްލިނުދާނެއެވެ. އެހެން
ބުނެފައި ދޭނީ މުހައްމަދު އަމީނުގެ ކޮންމެވެސް ފޮތެކެވެ.

އިބްރާހިމް ނާސިރަކީ މީނާ ވަރަށް ރުޅިއަރާ ވެރިއެކެވެ. އޭގެ ފުރަތަމަ
ސަބަބަކީ އަމީނުގެ ވެރިކަން ވައްޓާލުމުގައި ނާސިރުގެ ބޮޑުބޭބެ ވެލާނާގެ
އިބްރާހިމްދީދީ ކުޅުނު ރޯލާއި އަމީނު ހިމާޔަތްކުރުމަށް ސިފައިންގެ
ވެރިއެއްގެ ގޮތުގައި ހުންނަވައިގެން ނާސިރު އެއްވެސް މަސައްކަތެއް
ނުކުރެއްވުމެވެ. ދެވަނަ ސަބަބަކީ ނާސިރުގެ ވެރިކަމުގައި އައްޑޫ
ދެރަށެއްގެ ރައްޔިތުންގެ މެދުގައި ހިގި ގަޑުބަޑެއްގެ ތެރޭގައި ކޮންމެވެސް
މީހެއްގެ ބޮލުގައި ފުނޑާ ދައެއްގެ ފޮޔަކުން ޖަހައި ފަޅާލި މައްސަލައިގައި
މީނާ މާލެ ގެނެސް ޖަލަށްލުމެވެ. މި ޖަލަކީ މީނާ ކިޔައިދޭ ގޮތުންނަމަ
ޗައިނާ ބަގީޗާއެވެ. މި ބަގީޗާއެއް ހުރީ މިހާރު އިސްލާމީ މަރުކަޒު
އެހެރަތާގައެވެ. މީނާ ފިކުރާވާން އުޅުނު އަންހެނެއްގެ ދަރީންގެ އަދަދު
މަދުކުރުމަށް އެމީހާގެ އެންމެ ހަލަނި ސޮރުގެ ބޮލުގެ މެދަށް ވަޅި ޖަހައި
މަރާލަން އުޅުމާއި ތަޖުވީދުމަގަށް ގުރުއާން ކިޔެވުން ގިނަކަމަށްޓަކައި
ކޮންމެވެސް ތައްޚާނެއްގެ އަނގަޔަށް ވަޅިހެރި މައްސަލައެއްގައި
ކުށްވެރިވުމަކީ ވެސް ނާސިރު ދެކެ މީނާ ރުޅިއަރާން ޖެހުމުގެ ސަބަބުތަކެވެ.

މައުމޫނުވެސް ހިމެނުނީ މީނާ ރުޅިއަރާ މީހުންގެ ތެރޭގައެވެ. އޭރު
ބުނެއެވެ. މިސްރުގެ އަޒްހަރަކީ އެއްވެސް ތަނެއް ނޫނެވެ. އެވެނި ގެއެއްގެ
އަބްދުއްރަހުމާނަކީވެސް އެތަނުން ކިޔެވި މީހެކެވެ.
އަބްދުއްރަހުމާނަކަށްވެސް ވެލާމަސް ހަރާމްކުރުން ފިޔަވައި އެހެން
އެއްޗެއް ނޭގެއެވެ. އެހެންވީމާ މައުމޫނަކަށް ވެސް ދީނެއް ނޭގޭނެއެވެ.
ދީނޭ އެކިޔަނީ މީހުން ހައްލާންވެގެންނެވެ. އަބްދުލްގައްޔޫމު ސީދީއަކީވެސް
އެގޮތަށް މީހުން ހައްލައި އުޅުނު މީހެކެވެ. އެހެންވީމާ ގައްޔޫމު ސީދީގެ
ދަރިޔަކު ރަގަޅުވާނެ ހަމައެއްގޮތެއްވެސް ނޯންނާނެއެވެ. އަލަގަހަކުން
ކެޔޮނިރެއްވެސް ނުފަޅައެވެ.

މައުމޫނު ދެކެ މީނާ ރުޅިއަރާ ވަކި ސަބަބެއް އަޅުގަނޑަށް އެނގިފައެއް
ނެތެވެ. އެކަމަކު ބޮޑަށް ލަފާކުރެވެނީ ދީނީ ނަސޭހަތްދެއްވުން
ގިނަކަމުންވީ ގޮތެއް ކަމަށެވެ. މިހެން ހީކުރާން ޖެހުނު ގޮތަކީ އެއްރޭ
ޓީވީން ލައިވްކުރި ޖަލްސާއެއްގައި ނަމާދަށް ފަރުވާކުޑަކުރާ މީހުންނަށް
ހުރި އަޒާބުގެ ވާހަކަ މައުމޫނު ވިދާޅުވި އަޑުއިވިގެން އެ
ވާހަކަދައްކާފައިވާތީއެވެ. ބުންޏެވެ. ސުވަރުގެއަށް ވަދެވޭ މީހުންނާއި
ނުވަދެވޭ މީހުން އެނގެނީ މައުމޫނަށް ހެއްޔެވެ. ސުވަރުގޭގެ ތަޅުދަނޑިކޮޅު
އޮންނަނީ މައުމޫނުގެ އަތުގައި ހެއްޔެވެ.

ކެނެރީގޭ ނަޝީދަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް މީނާ ވަރަށް ރުހޭ
މީހެކެވެ. ބުނެއެވެ. މައުމޫނުގެ ކިބައިން މިގައުމު ސަލާމަތްކުރި މީހަކަށް
އާޒީގެ ލަގަބުވެސް ދޭން ޖެހޭނެއެވެ. އެއީ އާޒީ ނަޝީދެވެ. ނަޝީދުގެ
ސިޔާސަތުގެ ތެރެއިން މީނާއަށް އެންމެ ކަމުދިޔަ އެއްޗަކީ ނަޝީދުގެ
މެދުމިން ސިޔާސަތެވެ. މި ސިޔާސަތުގެ ބައެއް ވާހަކަތައް ނަޝީދު ވިދާޅުވީމާ
އޭގެ ތަރުޖަމާ ވަރަށް ގިނަބަޔަކަށް މީނާ ކިޔައިދީ އުޅުނެވެ. އައްޑޫގައި
ބުދު ބެހެއްޓި މައްސަލަ ހޫނުވެގެން އުޅުނު ދުވަސްވަރު ބުނި އެއްޗަކީ
ގައުމުގެ އެންމެ މަތީވެރިޔާއަށް ނުބެހެއްޓޭނެ އެއްޗެއް އޮވެގެން ނުވާނެ
ކަމަށެވެ.

ނަޝީދަށް ސަނާކިޔަމުންގޮސް އެއްދުވަހަކު ބުންޏެވެ. ނަޝީދުގެ ބައްޕަ
ސައްތާރު ކުރިކެޓެއްތޯ ކިރިކެޓްވެސް ކުޅުއްވައެވެ. ކުރިކެޓަކީ މުހައްމަދު
އަމީނުވެސް ގަދަޔަށް ކުޅުއްވި ކުޅިވަރެކެވެ. ކުރިކެޓް ކުޅޭ މީހެއްގެ
ދަރިޔަކު ގޯހެއް ނުވާނެއެވެ. ކުޅޭށެ ކުރިކެޓް ކުޅޭށެ ކުރިކެޓް، ބަހާއި
އަމަލުން ކުޅޭށެ ކުރިކެޓް، އުޅޭށެ އަންގާގޮތަށް އެކުރިކެޓް، ހިތާއި
ރޫހުން ކުޅޭށެ ކުރިކެޓް މިހެން އައިމިނަތު ހުސައިން ވިދާޅުވީވެސް
އެހެންވެގެންނެވެ.