ޗައިނާ އިން 2030 ގެ ކުރިން ހަނދަށް ދާނެ ކަމަށާއި އެކަމާ ގުޅޭ މުހިއްމު ބޮޑެތި ތައްޔާރީތައް މިހާރު ވެސް ކުރިއަށްދާ އެ ގައުމުން ބުނެފި އެވެ.
އިއްޔެ ޗައިނާގެ ވޫހާން ސިޓީގައި ބޭއްވި "އެއިރޯ ސްޕޭސް ސަމިޓް" ގައި ޗައިނާގެ ޖައްވީ އިދާރާ، ޗައިނާ މޭންޑް ސްޕޭސް އެޖެންސީ (ސީއެމްއެސްއޭ) ގެ ޑެޕިއުޓީ ޗީފް އިންޖިނިއަރު ޒަންގް ހެއިލިއަންގް ވިދާޅުވީ ހަނދަށް ކުރާ ދަތުރާ ގުޅޭ ރިސާޗްތަކަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ އިރު، ޗައިނާ އިން ހަނދަށް ކުރަން ޕްލޭންކުރާ ދަތުރަށް ބޭނުންވާ އުޅަނދުތަކާއި އެއާ ގުޅުން ހުރި އެހެނިހެން ވަސީލަތްތައް ތަރައްގީކޮށް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވެސް ބާރަށް ކުރިއަށްދާ ކަމަށެވެ.
އެގޮތުން ހަނދަށް ކުރާ ދަތުރު ތައްޔާރުވުމުގެ ގޮތުން އެކަމަށް ބޭނުންވާ އުޅަނދުތައް ބަނދެ، އެ ތަކެތި ޓެސްޓްތައް ކުރުން ފަދަ އެތައް ކަމެއް ޕްލޭންކުރެވިފައި ހުރި ކަމަށް ޒަންގް ވިދާޅުވި އެވެ.
"ހަނދަށް އަހަރެމެން ދާނީ އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ދުރާލައި ފުރިހަމަކޮށް، ވަރަށް ބޮޑަށް ތައްޔާރުވެގެން،" ޒަންގް ވިދާޅުވި އެވެ. "އަމާޒަކީ ދެހާސް ތިރީހާ ހަމައަށް އަންނަންވާ އިރަށް މިކަން ކާމިޔާބު ކުރުން."

ނަމަވެސް ހަނދަށް ފޮނުވާނެ އެސްޓްރޮނޯޓުންގެ އަދަދެއް ޗައިނާ އިން ހާމައެއް ނުކުރެ އެވެ. އެ ގައުމުން ބުނީ ހަނދަށް ކުރާ ދަތުރުގައި ހަނދުން ސާމްޕަލްތައް ނަގައި، އެތަނާ ގުޅޭ ވަރަށް ބޮޑެތި ދިރާސާތަކެއް ކުރާނެ ކަމަށެވެ.
ހަނދަށް ދާން މިހާރު އެންމެ ބޮޑަށް ފޫގަޅާފައި އޮތީ ކުރިން ވެސް މިފަދަ ތަޖުރިބާއެއް މީގެ އެތައް އަހަރެއް ކުރިން ކޮށްފައިވާ އެމެރިކާއިންނެވެ. އެ ގައުމުގެ ޖައްވީ އީދާރާ ނާސާގެ "އާޓެމިސް" ޕްރޮގްރާމްގެ ދަށުން ހަނދަށް ދާން އަމާޒު ހިފާފައި އޮތީ އަންނަ އަހަރުގެ ފަހުކޮޅު ނުވަތަ 2025 ގެ ކުރީކޮޅު އެވެ. އަދި އެ ދަތުރުގައި ބައިވެރިވާ ހަތަރު އެސްޓްރޮނޯޓުން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އިއުލާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި އަންހެން އެސްޓްރޮނޯޓަކު ވެސް ހިމެނެ އެވެ.
ޗައިނާ އަކީ ހަނދަށް ދާން ފައިނެގި ދެވަނަ ގައުމެވެ. އެ ގައުމަކީ މިހާރު ވެސް ޖައްވީ ގިނަ މިޝަންތަކެއް ހިންގަމުން އަންނަ އެ ދާއިރާ އިން ކުރިއެރުންތަކއް ހޯދަމުން އަންނަ ގައުމެކެވެ.