ރާއްޖޭގެ ހަތަރު ސިޓީއެއްގައި ބާއްވާ އުރީދޫ މަސްރޭހުގައި 83 ޓީމަކުން ބައިވެރިވެއްޖެ އެވެ.
އުރީދޫން މިއަދު ބުނީ މަސްރޭހުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތުގައި 83 ޓީމަކުން މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީވި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މާލެއިން 34 ޓީމު، ކުޅުދުއްފުށި ސިޓީން 23 ޓީމު އަދި އައްޑޫ ސިޓީން 13 ޓީމަކާއި ފުވައްމުލައް ސިޓީގެ 13 ޓީމެކެވެ.
އެގޮތުން ކޮންމެ ޓީމެއްވެސް އެ ޓީމެއްގެ ސިޓީގައި ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާއިރު މުބާރާތުގެ ފޯރި އާއި ވާދަވެރިކަން އެހެން އަހަރުތަކަށް ވުރެ ވަރުގަދަވެގެންދާނެ ކަމަށް އުރީދޫން ބުނެ އެވެ.
އުރީދޫ މަސްރޭސް ރެކޯޑް މުގުރާލާ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަންބަލުން ޓީމުން މިއަހަރުވެސް ވާދަކުރެ އެވެ.
ފިޝަރީޒް މިނިސްޓްރީއާ ވެސް ގުޅިގެން ބާއްވާ މި އަހަރުގެ "އުރީދޫ މަސް ރޭސް" ކުރިއަށް ގެންދަން ނިންމާފައި ވަނީ 4 އޮގަސްޓާއި 25 އޮގަސްޓާ ދެމެދުގަ އެވެ. އެގޮތުން މާލެ އިން މުބާރާތް އޮގަސްޓް 4 ގައި ފަށަން ނިންމާފައިވާ އިރު، އެ މަހުގެ 11 ގައި ރޭސް ކުރިއަށް ދާނީ ކުޅުދުއްފުށީގަ އެވެ. އޮގަސްޓް 18 ގައި "އުރީދޫ މަސް ރޭސް" އައްޑޫގައި ބާއްވާ އިރު، އެ މަހުގެ 25 ގައި ރޭސް ކުރިއަށް ގެންދާނީ ފުވައްމުލަކުގަ އެވެ.
މި އަހަރުގެ މުބާރާތަށް ހުށަހަޅާފައިވާ އިނާމުތަކަށް ބަލާ އިރު، ކޮންމެ ސިޓީއަކަށް ވެސް ޖުމްލަ 75،000ރ. ރުފިޔާގެ އިނާމު ދޭނެ އެވެ. އެގޮތުން ކޮންމެ ސިޓީއަކުން އެއް ވަނަ، ދެވަނަ ތިން ވަނަ ޓީމު ހޮވައި އަދި އެންމެ މޮޅު މަސްވެރިޔާ އާއި އެންމެ މޮޅު އަންހެން މަސްވެރިޔާ ވެސް ހޮވާނެ އެވެ.
* އެއް ވަނަ ޓީމު: 25،000ރ.
* ދެ ވަނަ ޓީމު: 10،000ރ.
* ތިން ވަނަ ޓީމު: 5،000ރ.
* އެންމެ މޮޅު މަސްވެރިޔާ: 1،000ރ.
* އެންމެ މޮޅު އަންހެން މަސްވެރިޔާ: 1،000ރ.