ސެޕްޓެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ ފިލްމު "ޖަވާން" ގެ ހާއްސަ ފެނިލުމެއްގައި ބޮލީވުޑްގެ ޒުވާން ބަތަލާ ކިއާރާ އަދުވާނީގެ ހާއްސަ ފެނިލުމެއް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނަމަވެސް ފިލްމުގެ ޓީމުން އެކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުން ކިއާރާ އަކީ މިހާރު ބޮލީވުޑްގައި އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ އެވެ.
އޭނަ "ޖަވާން" އިން ފެންނާނެކަމުގެ ވާހަކަތަކެއް ދެކެވެން ފެށި އިރު، މި ފިލްމުގެ ހާއްސަ ފެނިލުންތަކުގައި ހިމެނޭ ތަރިންގެ ތެރޭގައި ދީޕިކާ ޕަދްކޯނާއި ސަންޖޭ ދަތުގެ އިތުރުން ތަމަޅަ އެކްޓަރު ވިޖޭ ހިމެނެ އެވެ.
"ޖަވާން" ގެ ޓްރެއިލާ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ދައްކައިލި އިރު، ޓީޒާގައި ވެސް ދީޕިކާ ހިމަނާފައިވެ އެވެ.
ސެޕްޓެމްބަރު 7 ގައި ސިނަމާތަކަށް ގެންނަ މި ފިލްމަކީ ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދާފައިވާ އެކްޝަން ތުރިލާއެކެވެ. ޝާހްރުކް ޑަބަލް ރޯލަކުން ފެންނާނެ "ޖަވާން" ގައި ހިމެނެނީ ބޮލީވުޑާއި އިންޑިއާގެ ދެކުނުގެ މަސްހުނި ކާސްޓެކެވެ. މީގެ ލީޑް ބަތަލާ އަކީ ދެކުނުގެ މަޝްހޫރު ތަރި ނަޔަންތަރާ އެވެ.
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސާނިއާ މަލްއުތުރާ، ވިޖޭ ސެތުޕަތީ، ސުނިލް ގްރޯވާ، ޕްރިޔަމަނީ، ޔޯގީ ބާބޫ، ރިދީ ޑޮގްރާ އަދި އާސްތާ އަގަރްވާލް ހިމެނެ އެވެ.
ކިއާރާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ "ސަތިއަޕްރޭމް ކީ ކާތާ" އެވެ.