Last Updated: June 7, 11:01
Sunday, June 7, 2026
ޚަބަރު

27 އަހަރު ފަހުން ޕޯޓްސްއަށް އާ ލޯގޯއެއް، އާ ކުލަތަކެއް

އެމްޕީއެލް ސްޓާފް ނައިޓުގެ ތެރެއިން އައު ބްރޭންޑިންގް ތަޢާރަފް ކުރުން / ފޮޓޯ؛ އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ އައު ލޯގޯ އާއި ކުލަތައް އެކުންފުނިން އިފްތިތާޙްކޮށްފިއެވެ.

އެކުންފުނިން ކުލަތަކާއި ލޯގޯ އިފްތިތާޙް ކޮށްފައިވަނީ، ރޭ ހެންވޭރު ދަނޑުގައި ބޭއްވި އެކުންފުނީގެ "ސްޓާފް ނައިޓް" ގައެވެ. މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ގޮތުގައި މީގެ 36 އަހަރު ކުރިން އުފެދުނު މި މުޢައްސަސާ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުވީ، 2008 ވަނަ އަހަރުއެވެ. އަދި ކުންފުނިން މިހާތަނަށް ބޭނުން ކުރަމުން އައި ކުލަ އާއި ލޯގޯ އަކީ، މީގެ 27 އަހަރު ކުރިން ބޭނުން ކުރަން ފެށި ކުލައާއި ލޯގޯ ކަމަށް އެކުންފުނިން ބުނެއެވެ.

ޕޯޓުގެ ބްރޭންޑިންގް ލޯންޗުކޮށް ދެއްވީ އެކުންފުނީގެ ސީއީއޯ އަލީ ޝާހިދުއެވެ. މި ރަސްމީއްޔާތުގައި ކުންފުނީގެ އައު ލޯގޯ އަދި ބްރޭންޑިންގްއާއި އެކު ޔުނިފޯމަށްވެސް ބަދަލު އަންނާނެއެވެ. އެގޮތުން މި ބަދަލާއެކު ކުރީގެ ޕޯޓުގެ މުވައްޒަފުން ހެދުމާއެކު ވެސްޓް ލާން ޖެހުނު ނަމަވެސް، މިހާރު މުވައްޒަފުންގެ ހެދުމުގައި ހައި ވިޒިބިލިޓީ ފަށް ހުންނާނެއެވެ. މީގެ އިތުރުން ޕޯޓުގެ އެކި ދާއިރާތަކަށް ހާއްސަ ޔުނިފޯމް މިވަނީ ތަޢާރަފް ކުރެވިފައެވެ.


މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ޕޯޓް ލިމިޓެޑްގެ ސީއީއޯ ޝާހިދު އަލީ ވަނީ ކުންފުނީގެ ބްރޭންޑިންގް ބަދަލު ކުރުމުގެ ވިސްނުން ކިޔައި ދެއްވާފައެވެ. އެގޮތުން ޒަމާނީ ކޯޕަރޭޓް މާހައުލެއްގައި ކުންފުނީގެ ބްރޭންޑް އިމޭޖް ޒަމާނީ ވާން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ޕޯޓު ޚިދުމަތަށް ކުރިއެރުން ލިބި ގިނަ ޚިދުމަތް މިހާރު ޑިޖިޓަލައިޒް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

" މިހާތަނަށް ކުންފުނީގެ ބްރޭންޑް އިމޭޖް އަދި ބްރޭންޑިންގް އެއް ހެދުމަށް އެއްވެސް މަސައްކަތެއް އޮތީ ނުކުރެވި. ޒަމާނީ ކޯޕަރޭޓް މާހައުލެއްގައި ޕޯޓުގެ ޚިދުމަތް ފުޅާ ކުރުމުގެ ޕްލޭންތަކާއިއެކު މަސައްކަތްކުރާއިރު، ކުންފުނީގެ ބްރޭންޑް އިމޭޖްވެސް ޒަމާނީ ވާން ޖެހޭ" ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން މިވީ ހަތަރު އަހަރު ކުންުފުނިން ހޯދާފައިވާ ކުރިއެރުންތަކަށް އޭނާ ބައްލަވައިލެއްވިއެވެ. އެގޮތުން ކުންފުނީގެ ހިނގުން ހަރުދަނާކޮށް ކޯޕަރޭޓް ގަވަނެންސް ރަނގަޅު ކުރުމަށް ގިނަ މަސައްކަތް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

އެމްޕީއެލް ސްޓާފް ނައިޓް ރޭ ބޭއްވިގެން ދިޔައިރު ކުންފުންޏަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ފަރާތްތަކަށް އެވޯޑު ދެވިފައިވެއެވެ.