Last Updated: July 24, 05:25
Friday, July 24, 2026
ޚަބަރު

"އީ-ޓުކުރި" ގެ މޮބައިލް އެޕް ލޯންޗްކޮށްފި

މޯލްޑިވްސް ޕޯސްޓު ލިމިޓެޑްގެ "އީ-ޓުކުރި" ގެ މޮބައިލް އެޕް ލޯންޗްކޮށްފި އެވެ.

މި އެޕް ރޭ ލޯންޗުކޮށް ދެއްވީ ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.

ޕޯސްޓުން ބުނި ގޮތުގައި މި އެޕްގެ އެންމެ ހާއްސަ ބަޔަކީ އޭގައި ހިމަނާފައިވާ ކޮމިއުނިޓީ އޮންލައިން ޝޮޕެވެ. މިއީ ކޮންމެ ރަށަކަށް ހާއްސަ އޮންލައިން ފިހާރަ ކޮންސެޕްޓްގައި އެ ރަށެއްގެ އުފެއްދުންތެރިންގެ އުފެއްދުންތައް ގަނެ، ވިއްކުމުގެ ފުރުސަތު ލިބޭ ގޮތަށް ރަށު އޮންލައިން ފިހާރަ އެވެ.

އެގޮތުން "އީ-ޓުކުރި" އަކީ ގެ އެގޮތަށް ގާއިމުކުރެވޭ ރަށު އޮންލައިން ފިހާރައިގައި ބައިވެރިވުމަށް އެ ރަށެއްގެ އުފެއްދުންތެރިންނަށް ބާރު އަޅައި، އޮންލައިން ފިހާރައިގައި ބައިވެރިވާ އުފެއްދުންތެރިންގެ އުފެއްދުންތައް މުޅި ރާއްޖެއަށް މާކެޓް ކުރުމާއި ވިއްކާ މުދާ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޕޯސްޓް މެދުވެރިކޮށް ޑެލިވަރކޮށް ދިނުމެވެ.

ޕޯސްޓުން ބުނި ގޮތުގައި ގޭގައި ތިބެގެން ތަފާތު އުފެއްދުންތައް އުފައްދާ މީހުންނަށް، ފޮޓޯ ނަގައިދީ އީޓުކުރި ރަށު ފިހާރައިގައި ހިމަނައި ދިނުމަކީ ވެސް އެތަނުން ކުރާނެ ކަމެއް ކަމަށެވެ. "އީ-ޓުކުރި" ރަށު އޮންލައިން ފިހާރައަކީ ރަށުގައި އުފައްދާ އުފެއްދުންތައް ޕްރޮމޯޓްކުރާ ޕްލެޓްފޯމަކަށްވާތީ ރާއްޖެއިން ބޭރުން އިމްޕޯޓްކުރާ މުދާ އެ ޕްލެޓްފޯމްގައި މާކެޓެއް ނުކިުރެވޭނެ އެވެ.

"އީ-ޓުކުރި" އެޕް މެދުވެރިކޮށް މިހާރު ފަސޭހަކޮށް ހިދުމަތް ހޯދައި ވުޔަފާރި ފުޅާކުރަން ފުރުސަތު ފަހިވެގެން ދިޔަ އިރު، ވަކި ކަހަލަ އުފެއްދުންތަކަކީ އޯޑަރު ލިބުމުން ތައްޔާރުކުރެވޭ އެއްޗިއްސަށްވާތީ އެފަދަ ތަކެތި އުފައްދާ މީހުންނަށް ވެސް ރަށު އޮންލައިން ފިހާރައަށް ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެ އެވެ.