މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް ހޮވަން ބޭނުން ވަނީ އެ މަނިކުފާނަކީ ހެޔޮވެރިކަމެއް ކުރެއްވުމުގެ ކޮލިޓީ ހުންނެވި ބޭފުޅަކަށްވާތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
ރައީސްހެ ކެމްޕޭންގެ ތެރެއިން ރޭ ކ. މާފުށީގައި ބޭއްވި ޖަލްސާގައި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އަށް ނިސްބަތްވާ ޒާހިރު ވިދާޅުވީ ދެން ވެސް ދިވެހިންނާއި ގައުމަށް އުފާވެރި އަމާން ރާއްޖެ ހޯދައިދެވޭނީ ތަސައްވުރެއް އަދި ސިޔާސަތެއް އޮވެގެން ކަމަށާއި، އެ ސިޔާސަތުތައް ހިއްޕަވައިގެން ވަޑައިގެންނެވީ ރައީސް ސޯލިހު ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ގިނަ ރައްޔިތުން އެ މަނިކުފާނަށް ތާއީދު ކުރަނީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ޙިދުމަތްތައް ފޯރުކޮށްދެއްވާތީ ކަމަށާއި އެކަމުގެ ފެންވަރާއި ކެރިފޯރުންތެރިކަން ހުންނެވި ލީޑަރަކީ ރައީސް ސޯލިހު ކަމަށެވެ. އަދި އެމްޑީޕީއާ އެކީ ކޯލިިޝަން ހަދައިގެން އަދާލަތު ރައީސް ދެވަނަ ދައުރަކަށް ހޮވަން މަސައްކަތް ކުރަނީ ވެސް ރައީސް ސޯލިހަކީ ކޮލިޓީ ލީޑަރަކަށްވާތީ ކަމަށް ޒާހިރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި ރައީސް ސޯލިހަކީ ދަތި ދަނޑިވަޅުގައި ވެސް އަމިއްލަ ނަފްސަށްވުރެ ބޮޮޑަށް ރައްޔިތުންނަށް އިސްކަންދީގެން ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އެގޮތުން ކޮވިޑުގެ ދަތި އުނދަގޫ ހާލަތުގައި ވެސް ރައީސް ކުރެއްވި މަސައްކަތްތަކަށް އަދާލަތި ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ތައުރީފުކުރެއްވި އެވެ.
ޒާހިރު ވިދާޅުވީ ސިޔާސީ ބޭފުޅުން ސިޔާސީ ޕޯޑިއަމްގައި ތަރި ވެސް ބާލައުދޭން ބުނާ ކަމަށާއި އެވެނި ކަމެއް ކޮށްދޭން މިވެނި ކަމެއް ކޮށްދޭން ވައުދު ވެސް ވާ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައި، ފުއްދަމުންދާތަން އަމަލުން ދެއްކެވި ބޭފުޅަކީ ރައީސް ސާލިހު ކަމަށް ވިދާޅުވި އެވެ.