ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މިހާރު "ސްޕައި ޔުނިވާސް" ގެ ގޮތުގައި ސިލްސިލާ ފިލްމުތަކެއް ހަދަން ފަށާފައި އޮތް މަސައްކަތުގެ ތެރެއިން އާލިއާ ބަޓާ އެކީ އަންހެން ޖާސޫސަކަށް ބިނާކޮށް ފިލްމެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނި ގޮތުގައި މިއީ ވައިއާރްއެފްގެ "ސްޕައި ޔުނިވާސް" ގެ 8 ވަނަ ފިލްމެވެ. މީގައި ހިމެނޭ ފިލްމުތަކަކީ މި އަހަރު ރިލީޒްކުރި ޝާހްރުކް ޚާންގެ "ޕަތާން" އާއި މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރާ ސަލްމާން ޚާންގެ "ޓައިގާ 3" އާއި ރިތިކާ އެކީ ގެނެސްދިން 2019 ގެ "ވޯ" އާއި ސަލްމާންގެ 2017 ގެ "ޓައިގާ ޒިންދާ ހޭ" އާއި ސަލްމާންގެ 2012 ގެ "އޭކް ތަ ޓައިގާ" އެވެ.
"ސްޕައި ޔުނިވާސް" އަށް ޕްލޭންކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި "ވޯ 2" އާއި ޝާހްރުކާއި ސަލްމާނާ އެކީ ހަދަން ނިންމާފައިވާ "ޓައިގާ ވާސަސް ޕަތާން" ހިމެނެ އެވެ. ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ވޯ 2" ގެ ބަތަލާއަކަށް އާލިއާ ނަގަން ވެސް މަޝްވަރާތަކެއް ކުރެވުނެވެ.

ނަމަވެސް ރިޕޯޓްތައް މިހާރު ބުނާ ގޮތުން ވައިއާރްއެފުން ބޭނުން ވަނީ ސީދާ އާލިއާ ލީޑް ކުރާ ގޮތަށް އަންހެން ސްޕައި ފިލްމެއް ހަދާށެވެ. ނަމަވެސް މިކަމާ ބެހޭ އެއްވެސް ވާހަކައެއް އެ ސްޓޫޑިއޯ އިން ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެ އެވެ. އާލިއާ އަދި މިހާތަނަށް ވައިއާރްއެފްގެ ފިލްމެއް ކުޅެފައެއް ނުވެ އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި ހުނަރުވެރި އަދި ކާމިޔާބު ބަތަލާއާ އެކީ ހަދަން ނިންމާފައިވާ ބޮޑު ބަޖެޓް ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ތެރޭގައި ފަށާނެ އެވެ. އެކަމަކު އެ ޑައިރެކްޓްކުރަނީ ކާކު ކަމެއް އަދި ސާފެއް ނުވެ އެވެ.
އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުންގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 28 ގައި ގެނެސްދޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. އަދި އަންނަ މަހުގެ 11 ގައި ނެޓްފްލިކްސް އާލިއާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" ގެނެސްދޭނެ އެވެ.