އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރަޖްނީކާންތު ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
އުމުރުން މިހާރު 72 އަހަރުގެ އެކްޓަރު ރާއްޖެ އައީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ސްރީ ލަންކަން އެއާލައިންސްގެ ބޯޓެއްގަ އެވެ. އެ އެއާލައިންގެ ސޯޝަލް މީޑިއާގައި ވެސް ރަޖްނީކާންގެ ފޮޓޯތަކެއް ހިއްސާކޮށްފައިވެ އެވެ.
ކުރިން ވަރަށް ގިނަ އަދަދެއްގެ ބޮލީވުޑްގެ ފިލްމުތަކެއް ވެސް ކުޅެފައިވާ އެކްޓަރު ރާއްޖެ އަށް އައިސްފައި މި ވަނީ އޭނަގެ އާ ފިލްމު "ޖެއިލާ" އަންނަ މަހުގެ 10 ގައި ރިލީޒްކުރަން އޭގެ ޕްރޮމޯޝަންތައް ކުރިއަށް ދަނިކޮށެވެ. މި ފިލްމުގެ ކާސްޓްގައި ބޮލީވުޑްގެ ތަރި ޖެކީ ޝްރޮފާއި ތަމަންނާ ބާޓިއާ އާއި ރާމިއާ ކްރިޝްނަން އަދީ މޯހަންލާލު ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ.
އިންޑިއާގެ އެންމެ ނުފޫޒު ގަދަ ހާއްސަ ދެކުނުގެ އެންމެ ވަރުގަދަ އެއް ތަރީގެ ގޮތުފައި ފާހަގަކޮށްލެވޭ ރަޖްނީކާންތަކީ އުމުރުން ދުވަސް ވިޔަސް އަދިވެސް ޒުވާން ބަތަލާއިންނާ އެކީ ފިލްމު ކުޅެމުން އަންނަ އެކްޓަރެކެވެ. އޭނަގެ އާ ފިލްމު "ޖެއިލާ" ގައި ހިމެނޭ ބަތަލާ ތަމަންނާ ބާޓިއާގެ ލަވަ "ކާވާލާ" އަކީ މި ދުވަސްކޮޅު ވަރަށް ބޮޑަށް ޓްރެންޑްވެފައިވާ ލަވައެކެވެ.
ރަޖްނީކާންތު މިހާތަނަދށް 200 އާ ގާތްކުރާ އަދަދަކަށް ފިލްމު ކުޅެފައިވެ އެވެ. އޭނަގެ ތިބެނީ ދެ އަންހެން ކުދިންނެވެ. އެއީ އައިޝްވާރިއާ ރަޖްނީކާމްތު، 41، އާއި ސައުންދަރިއާ ރަޖްނީކާންތު، 38، އެވެ. އެ ދެ މީހުންނަކީ ވެސް ފިލްމު ޑައިރެކްޓަރުންނެވެ.
ރަޖްނީކާންތު ރާއްޖެ އަށް އައި އިރު، ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ މާކެޓަކީ އިންޑިއާ އެވެ.