Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

އެންމެ ބޮޑު އާމްދަނީއެއް ރޮނާލްޑޯ އަށް

ކުޅިވަރުގެ ދާއިރާ އިން މިހާރު އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓަކީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ގިނިސް ވޯލްޑް ރެކޯޑުން ބުނެފި އެވެ.

ފޯބްސްއާ ހަވާލާދީ ގިނިސް ވޯލްޑް ރެކޯޑުން ބުނީ މިދިޔަ އަހަރު އިނގިރޭސިވިލާތުގެ މެންޗެސްޓަ ޔުނައިޓެޑް ދޫކޮށްލައި، މިހާރު ސައުދީ އަރަބިއްޔާ އަލް ނައްސާރަށް ކުޅެމުން އަންނަ ރޮނާލްޑޯ އަށް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ޖުމްލަ 136 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ސީދާ ފުޓްބޯޅަ އިން އާމްދަނީގެ ގޮތުގައި ލިބުނު 46 މިލިއަން ޑޮލަރާއި ކުޅިވަރުގެ ބޭރު އާމްދަނީގެ ގޮތުގައި ލިބުނު 90 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ސްޕޮންސަޝިޕާއި ހިއްސާވާ ވިޔަފާރިތަކުން ލިބުނު އާމްދަނީ ހިމެނެ އެވެ.

މިއީ 2017 ގެ ފަހުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓްގެ މަގާމު ރޮނާލްޑޯ އަށް ލިބުނު ފުރަތަމަ ފަހަރެވެ.

އޭނަ އަށް މި ފަހަރު އެ މަގާމު ލިބުނީ އާޖެންޓީނާގެ ތަރި ލައިނަލް މެސީ ދެވަނަ އަށް ވައްޓައިލުމަށް ފަހު އެވެ. މެސީ އަށް ފާއިތުވި 12 މަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ ޖުމްލަ 130 މިލިއަން ޑޮލަރެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބޭ ތިން ވަނަ އެތުލީޓަކީ ތިން ވަނައިގައި އޮތީ ޕީއެސްޖީގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. އޭނަގެ އާމްދަނީ އަކީ 120 މިލިއަން ޑޮލަރެވެ.

މިހާރު އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަސް އެތުލީޓުންގެ ލިސްޓަށް ބަލާ އިރު، ހަތަރު ވަނައިގައި އޮތީ އެމެރިކާގެ ބާސްކެޓް ތަރި ލެބްރޯން ޖޭމްސް އެވެ. އޭނަގެ އާމްދަނީ އަކީ 119 މިލިއަން ޑޮލަރެވެ. ފަސް ވަނައިގައި އޮތީ މެކްސިކޯގެ ބޮކްސިން ތަރި ކަނެލޯ އަލްވަރޭޒެވެ. އޭނަގެ އާމްދަނީ އަކީ 110 މިލިއަން ޑޮލަރެވެ.