Last Updated: April 28, 21:57
Sunday, April 28, 2024
ދުނިޔެ

އޭއައި އަށް ބިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

އިންޑިއާގެ މަޝްހޫރު ޓެކް ކުންފުންޏަކުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފި އެވެ.

އެ ގައުމުގެ ސޮފްޓްވެއާ ކުންފުންޏެއް ކަމަށްވާ ވިޕްރޯ އިން ބުނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އޭއައި އަށް ބިލިއަން ޑޮލަަރު އިންވެސްޓްކުރަން ނިންމާފައިވާ ކަމަށާއި މީގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ މުވައްޒަފުން އެ ކަމަށް އަހުލުވެރިކޮށް ތަމްރީނުކުރުން ކަމަށެވެ.

އެގޮތުން ކުންފުނީގެ ހިދުމަތް މިހާރު ލިބޭ 66 ގައުމެއްގައި ތިބި 250،000 މުވައްޒަފުން އޭއައި އަށް ތަމްރީނުކުރަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ވޯކްޝޮޕްތަކެއް ހިންގަން ވަނީ ނިންމައިފަ އެވެ. މީގެ ދަށުން މުވައްޒަފުންނަށް އޭއައިއާ ބެހޭ އެންމެ އަސާސީ މައުލޫމާތު ފޯރުކޮށްދީ، އެއަށް އަހުލުވެރިކުރުމާ އެކީ އެ ދާއިރާ އިން މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު އިތުރުކުރާނެ އެވެ.

ވިޕްރޯ އަކީ އިންޑިއާގެ އެންމެ ބޮޑު އެއް އައުޓްސޯސިން ޓެކް ކުންފުނީގެ އިތުރުން ކޮންސަލްޓޭޝަންގެ ހިދުމަތްދޭ ކުންފުންޏެކެވެ. އެހެންވެ އެ ކުންފުނީގެ ކުރިމަގަށް އޭއައިގެ ދައުރު ވަރަށް މުހިއްމު ކަމަށާއި އެ ދާއިރާ އަށް އިންވެސްޓްކުރުމަކީ ކުރިގަމަށް ކުރެވޭ ވަރަށް މުހިއްމު އިންވެސްޓެއް ކަމަށް ބުންޏެވެ.

"މިއާ އެކީ ވިޕްރޯގެ ހިންގުމާއި މަސައްކަތްތަކާއި ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ." ވިޕްރޯގެ ސީއީއޯ ތިއެރީ ޑިލެޕޯޓް ވިދާޅުވި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި ދެން ވިޕްރޯގެ ސޮފްޓްވެއާތަކާއި އެކަމާ ގުޅުން ހުރި މަސައްކަތްތައް ކުރެވޭނީ އޭއައިގެ ވަރަށް ބޮޑު ހިއްސާއަކާ އެކީގަ އެވެ.

އޭއައި މިހާރު ވަރަށް ބޮޑަށް ވައިގައި ހިފަމުން އަންނަ އިރު، ދުނިޔޭގެ ވަރަށް ގިނަ ޓެކް ކުންފުނިތަކުން މި ދާއިރާ އިން ބޮޑެތި އިންވެސްޓްމަންޓްތައް ކުރަން ނިންމާފައިވެ އެވެ. މި ފޯރި ގަދަވެފައި ވަނީ ދާދި ފަހުން ވައިގައި ހިފި އޯޕަންއޭއައިގެ ޗެޓްޖޯޕީޓީއާ އެކީގަ އެވެ.