އައްޑޫ މަގު ހެދުމުގެ މަޝްރުޢޫގެ ތެރެއިން މިހާރު ކާނުތައް ނިމިފައި ހުރި މަގުތަކުގައި، ކާނު މަތި އެޅުމުގެ މަސައްކަތައް ވަރަށް ބޮޑަށް ސަމާލުކަން ދީގެން މި ދެ މަސް ދުވަހުގެ ތެރޭ ކުރިއަށް ދާނެ ކަމަށް ޕްލޭނިންގް މިނިސްޓްރީން ހާމަކޮށްފިއެވެ.
އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތާއި ގުޅޭގޮތުން އައްޑޫލައިވްއާއި ވާހަކަ ދައްކަވަމުން ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސާދިޤް ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަަމަށެވެ. އެގޮތުން މިމަޝްރޫޢުގެ ތެރެއިން ފެން ހިންދާ ނިޒާމު ޤާއިމް ކުރުމަށް ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑުބައި އެއްކޮށްހެން ނިމިފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މިގޮތުން ހުޅުދޫ-މީދޫގައި މިހާރުވެސް ފެން ހިނދާ ނިޒާމު ޤާއިމް ކުރުމަށް މަގުތައް ކޮނެ މަސައްކަތް ކުރަމުންދާއިރު، މަރަދޫ އަދި މަރަދޫ-ފޭދޫގެ މަސައްކަތް ގާތްގަނޑަކަށް އެއްކޮށް ހެން ނިމިފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ. އަދި ހިތަދޫގެ މިހާރު ފެން ހިނދާ ނިޒާމު ނުނިމި ހުރި ބޮޑު މަގުގައި އާއި ލިންކް ރޯޑު އަދި ކައުންސިލް މަގުގައި ކަމަށާއި، މިހާރު ދެން ނުގުޅި ހުންނާނީ ދިގުމަގުން ގުޅުވާލަން ޖެހޭ މަގުތައް ކަމަށް ސޯބެ ވިދާޅުވިއެވެ.

"މިމަހު ވަރަށް ބޮޑަށް ފޯކަސް އެބަ ކުރަން، ޑްރެއިންގެ މަތި އެޅުމާއި ކްރޮސް ޖަންކްޝަން ހެދުމުގެ މަސައްކަތަށް. ޖުލައި އޯގަސްޓު ތެރެއަށް މަތި އެޅުމާއި ކަންކަމަށް ފޯކަސް ކުރާނެ." ސޯބެ ވިދާޅުވިއެވެ.
އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އައްޑޫގައި އެފްކޮންސް ކުންފުނިން ހަދަމުންދާ މަގުތަގައި 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމު މުޅި އައްޑޫގައި ޤާއިމް ކުރާނެއެވެ. މީގެ އިތުރުން ޖީކޭޑީއާއި ހަވާލު ކުރެވިގެން ކުރިއަށް ގެންދާ މަގުތަކުގައި އެކުންފުނިންވެސް ޑްރެއިން އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަގުތަކުގައި ހަދާފައިވާ ފެން ހިންދާ ނިޒާމުގެ ކާނުތަކުގައި މަތި ނޭޅި ގިނަ ދުވަސް ވުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އަދި މިގޮތަށް ހުރުމުން ބައެއް ފަރާތްތަކަށް އަނިޔާވެފައިވާއިރު، އެ ކާނުތައް ހުޅުވާފައި ހުންނައިރު، ދަނޑި ޖަހައި ޓޭޕް ދަމާފައި ހުރެއެވެ. މިއީ އާންމުންގެ ރައްކަލަކަށް ކުރާކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.