Last Updated: July 18, 17:34
Saturday, July 18, 2026
ދުނިޔެ

ވަންޕްލަސްގެ ފަށްޖެހޭ ފޯނު އޮގަސްޓް 29 ގައި

ޗައިނާގެ ވަންޕްލަސް އިން ނެރެން ތައްޔާރުވަމުން އަންނަ އެ ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު އަންނަ މަހުގެ 29 ގައި ލޯންޗްކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ވާހަކަ ތިލަވެފައި ވަނީ އަންނަ މަހުގެ ތެރޭގައި އެ ދައްކައިލަން ތައްޔާރު ވެސް ވަމުން އަންނަ ކަމަށް މި މަހުގެ ކިރީކޮޅު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ. ޓެކް ކުންފުނިތަކުގެ އާ އުފެއްދުންތަކާ ބެހޭ މައުލޫމާތު ތިލަކޮށްދޭ މެކްސް ޖަމްބޯ ބުނި ގޮތުގައި ވަންޕްލަސް އިން "ވަންޕްލަސް އޯޕަން" ގެ ނަން ދީފައިވާ ފޯނު ދައްކައިލަން ބާއްވާ އިވެންޓް އޮންނާނީ އަންނަ މަހުގެ 29 ގައި އެމެރިކާގެ ނިއު ޔޯކްގަ އެވެ.

ވަންޕްލަސްގެ ފަށްޖެހޭ ފޯނާ ބެހޭ ވާހަކަތަކެއް މީޑިއާތަކުގައި ދެކެވެމުން ދިޔަ ނަމަވެސް މިކަމާ ބެހޭ ގޮތުން އެ ކުންފުނިން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.

މިހާރު ވަރަށް ވާދަވެރި މާކެޓެއްގެ ގޮތުގައި ކުރިއަރާފައިވާ ސްމާޓްފޯނުގެ ވިޔަފާރި ވަންޕްލަސް ނުކުތީ މީގެ 9 އަހަރު ކުރިން 2013 ގަ އެވެ. މިއީ ފޯނު އުފައްދާ ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އޮޕޯގެ ސަބްސިޑަރީއެކެވެ.