މި ސަރުކާރުގެ އަމާޒަކި ރައްޔިތުންނަށް އަމާން ވެއްޓެއްގައި، ތަރައްގީގެ މުޖްތަމައެއްގައި ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މ. ކޮޅުފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކޮޅުފުށީގެ އާބާދީ ކުޑަނަމަވެސް ރަށްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތަކާއި ތަރައްގީ ކޮޅުފުއްޓަށް ގެންނަންޖެހޭ ކަމަށެވެ. ކުރީގެ ސަރުކާރުތަކުގައި ވަކިވަރަކަށް ވުރެއް އާބާދީ ދަށް ރަށްރަށަށް ތަރައްގީގެ މަޝްރޫއުތަށް ގެނެސްދިނުމުގައި އެ ސަރުކާރުތަކުން ފަސްޖެހުނުކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި ކޮންމެ ރައްޔިތަކަށް ވެސް ހައްޤުވާ އަސާސީ ހިދުމަތްތައް ލިބެންޖެހޭނެ ކަމަށެވެ. އަދި މިސަރުކާރުން މަސައްކަތްކުރަމުން ގެންގޮސްފައިވަނީ އެ އަމާޒަށް ކަމަށެވެ.
"ދަތިތަކާ އުނދަގޫތައް ކުރިމަތިވި. އެހެންނަމަވެސް އެ ގޮންޖެހުންތަކާއެކު މިހެންހުރި ރަށްރަށަށްވެސް ބޭނުންވާ އަސާސީ ހިދުމަތްތައް އަޅުގަނޑުމެން މިދިޔައީ ފޯރުކޮށްދެމުން." ރައީސް ސޯލިހް ވިދާޅުވިއެވެ.
ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވުމުގެ ފަހަތުގައި އޮތް އެއްކަމަކީ ރާއްޖޭގައި ހަމަޖެހުން ގާއިމު ކުރެވި، އަމާންކަން ގާއިމުކުރެވިފައި އޮތުންކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ހުރި މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވާފައިއޮތް މިންވަރު އެންމެނަށްވެސް އެނގޭކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެކަން އޭރު އެންމެ ބޮޑަށް ފެންނަން އޮތީ ފުލުހުންގެ މުއައްސަސާއިން ކަމަށާއި، އެގޮތުން ޕޮލިސް ކޮމިޝަނަރު ފަސް ފަހަރު މަތިން ބަދަލުވި ކަމަށެވެ. މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އެންމެ ފުރަތަމަ ކުރަންޖެހުނު ކަންކަމުގެ ތެރޭގައި ފުލުހުންގެ މުއައްސަސާއަށް އޭގެޒާތުގައި ހިންގުމުގެ ޖާގަ ދޭންޖެހުނު ކަމަށް ވިދާޅުވިއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އަމާން ވެއްޓެއް ގާއިމު ކުރެވުނު ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ އޭރު ކަންކަމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައި އޮތް މިންވަރު މިއަދު ހަނދާނަށް ގެންނަންޖެހޭ ކަމަށެވެ.
ރާއްޖޭގައި އަމާންކަން ގާއިމުކުރެވިފައި އޮތުމުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭކަން ފާހަހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ 141 ރަށެއްގައި ފެނާ ނަރުދަމާގެ މަސައްކަތްތައް ހިނގަމުން ނިމެމުންދާ ކަމަށެވެ. 158 ރަށެއްގެ އިންޖީނުގޭގެ ޖަނަރޭޓަރު ބަދަލުކޮށް ނިމިފައިވާ ކަމަށާއި، ބިން ހިއްކުމުގެ 21 މަޝްރޫއެއް މި ވެރިކަމުގައި ކުރިއަށްދާކަމަށާއި އޭގެތެރެއިން 8 މަޝްރޫއެއް ނިމި، 13 މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތުން އަމާން ވެއްޓެއްގައި، ތަރައްގީގެ މުޖްތަމައެއްގައި ދިރިއުޅެން ފުރުސަތު ހޯދައިދިނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަމުން މި ގެންދަނީ އެ މަސައްކަތް. ކުރިއަށް މިއޮތް ދައުރުގައިވެސް އަޅުގަނޑުމެންގެ އަމާޒަކީ މިއީ." ރައީސް ސޯލިހް ވިދާޅުވިއެވެ.