Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ރައީސް ވައުދު ފުއްދާކަން ކޮޅުފުށީ ރައްޔިތުން ހެކިވާނެ

އިމްރާން އަބްދުﷲ- ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވައުދު ފުއްދަވާނެ ރައީސްއެއްކަން މ. ކޮޅުފުށީ ރައްޔިތުން ހެކިވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކޮޅުފުށީގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ސުނާމީގައި ކޮޅުފުއްޓަށް ލިބުނު ގެއްލުންތަކަށްފަހު އެ ރަށުގައި ރަނގަޅު ތަރައްގީގެ މަސައްކަތެއް ފެށުނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި 2008 ގައި ކަމަށެވެ. އަދި އެ މަސައްކަތުގެ ނަތީޖާއެއް އިހްސާސް ކުރެވޭ ވަރަށް ކުރިއަށް ގެންދެވުނީ ރައީސް ސޯލިގެ މި ވެރިކަމުގައި ކަމަށެވެ.

"މިއަދު މި ރަށުގައި ތިބި ރައްޔިތުންނަށް އިހްސާސް ކުރެވޭނެ، ﷲގެ ރަޙްމަތާއެކުގައި، ސުނާމީ ކާރިސާގައި ލިބުނު ގެއްލުމުން މިރަށް އަރައިގެންފިކަން. އެ އިހްސާސް ގެނެސްދެއްވި، އެ އިހްސާސް ކޮށްދެއްވި، އެކަން ހަގީގަތަކަށް ހައްދަވައި ދެއްވީ މި އިންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރައީސް ސޯލިހް ވެވަޑައިގަންނަވާ ވައުދުތަކަކީ ފުއްދަވާނެ ވައުދުތައްކަން ކޮޅުފުށީގެ ރައްޔިތުން ހެކިވާނެ ކަމަށެވެ. އެހެންކަމުން ކޮޅުފުށިން ރައީސް ސޯލިހަށް މަދުވެގެން 65 އިންސައްތަ ވޯޓު ހޯއްދައިދޭންވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަކީ ވައުދު ފުއްދަވާ ރައީސްއެއް ކަމަށާއި އެޔަގީންކަން އެބަ އޮތް ކަމަށް އިމްރާން ވިދާޅުވިއެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ހަދާފައިވަނީ އިމްރާންގެ އަދާލަތު ޕާޓީ އަދި އެމްޑީއޭއިންނެވެ.