Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ކޮޅުފުށީގެ 3 މަޝްރޫއެއް ނިންމައިފި

ފޮޓޯ: އެމްޑީޕީ

މ. ކޮޅުފުށީގައި މި ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން ނިންމާފައިވާ 3 މަޝްރޫއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިފްތިތާހު ކޮށްދެއްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހް ކޮޅުފުއްޓަށް މިއަދު ވަޑައިގެންފައިވާއިރު، އެރަށުގައި އަންނަނީ ތަރައްގީގެ އެކު މަޝްރޫއުތައް ހިނގަމުންނެވެ.

އެގޮތުން ނިމިފައިވާ މަޝްރޫއުތައް ކަމަށްވާ ފެނުގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފެށުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވާފައިވެއެވެ. އަދި ކޮޅުފުށީގައި ހުންނަ މ. އަތޮޅު މަދަރުސާގައި މިސަރުކާރުން ގާއިމުކުރި 8 ކްލާސްރޫމް އަދި މަލްޓި ޕާޕަސް ހޯލް އިމާރާތް ވެސް ވަނީ ހުޅުވައި ދެއްވާފައެވެ.

ރައީސް ސޯލިހް ކެމްޕޭނަށް މިއަދު މ. ކޮޅުފުއްޓަށް ވަޑައިގެންފައިވާއިރު، މ. ނާލާފުށި، މުލި، މުލަށް އަދި ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.