ރައްޔިތުން އަދިވެސް ތިބީ ޒަރޫރީ ބޭނުންތައް ނުފުދި ކަމަށާއި، އެރައްޔިތުން "އުޖާލާ ޒާމާނެއް" ބޭނުންވާ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ނާޒިމް އަންނަވަނީ ކެމްޕޭން ހަރަކާތްތައް ބާރަށް ކުރިއަށް ގެންދަވަމުންނެވެ.
އެގޮތުން ނާޒިމް ވަނީ ހދ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވާ ކެމްޕޭން ހަރަކާތްތައް ހިންގަވާފައެވެ. އެ ދަތުރާ ގުޅިގެން ނާޒިމް ވަނީ ބޮޑުތިލަދުންމަތީގެ ރަށްތަކަށް ކުރެއްވީ ކާމިޔާބު ދަތުރެއްކަން ފާހަގަކުރައްވާ އެ ރަށްތަކުގެ ރައްޔިތުން ބެހެއްޓެވި ގާތްކަމާއި މެހެމާންދާރީއަށް ޝުކުރު ދަންނަވާފައެވެ.
ނާޒިމް ވިދާޅުވީ މިދަތުރުން ޔަގީންވީ ކަމަކީ ރައްޔިތުން "އުޖާލާ ޒަމާނެއް" ބޭނުންވާކަން ކަމަށެވެ.
"ޒަރޫރީ ބޭނުންތައް ރައްޔިތުން ތިބީ ނުފުދި. އެހެނަސް، އިސްރާފު ހަަރަދު ކޮށްފައި ހުރިތަން ފެނުނު." ނާޒިމް ވިދާޅުވިއެވެ.
ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް އެމްއެންޕީގެ ރިޔާސީ ޓިކެޓުގައި ނާޒިމް ވާދަކުރައްވާއިރު ނާޒިމް ވަނީ މެނިފެސްޓޯވެސް ލޯންޗް ކޮށްފައެވެ.
"އުޖާލާ ޒަމާން"ގެ ނަން ދީފައިވާ އެމްއެންޕީގެ މެނިފެސްޓޯއާއެކު ނާޒިމްގެ ކެމްޕޭން ހަރަކާތްތައް އަންނަނީ މާލެއާއި ރަށްރަށުގައި ކުރިއަށް ގެންދަމުންނެވެ.