ދާދި ފަހުން އައްޑޫގެ ފިހާރަތަކުން ވިއްކި މައިލޯ ޕެކެޓްތަކުން "ފަނި" ފެނުނު ކަމަށް ބުނެ ފެތުރު ހަބަރާއި ގުޅިގެން ނެސްލޭގެ ޓީމެއް އައްޑޫއަށް ޒިޔާރަތްކޮށް ތަފާތު ބެޗްތަކުން ސާމްޕަލް ގެނެސް ޓެސްޓް ކުރުމުން އެފަދަ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށް ނެސްލޭއިން ބުނެފިއެވެ.
ކާބޯތަކެތީގެ އުފައްދާ އެންމެ ބޮޑު ކުންފުނި ނެސްލޭ ލަންކާގެ ފަރާތުން ރާއްޖޭގެ މީޑިއާތަކަށް ދައުވަތުދީގެން، 2 ދުވަހުގެ މުއްދަތަށް ކުރާ ދަތުރުގައި، ނެސްލޭ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނެސްލޭ ލަންކާގެ މެނޭޖިންގ ޑިރެކްޓަރ ގަނޭސަން އަމްޕަލަވަނާރު ވިދާޅުވީ އެފަދަ އަޑުތަކެއް ފެތުރުމާއި ގުޅިގެން ހާއްސަ ޓީމެއް އައްޑޫއަށް ގޮސް އެކި ފިހާރަތަކުން ޕެކެޓް ކަޑައި ޗެކް ކުރި ކަމަށެވެ.

އަދި އޭގެ ފަހުން ބައެއް ބެޗްތަކުގެ ޕެކެޓްތައް ލަންކާއަށް ގެނެސް ކުރުނެގަލާގައި ހުންނަ ނެސްލޭ ކާރުޚާނާއިން ޗެކް ކުރި އިރު ޕެކެޓްތައް ހުރީ ވަރަށް ތާޒާކޮށްކަމަށެވެ. އަދި އެފަދަ އެއްވެސް ނިޝާނެއް އެއިން ޕެކެޓަކުން ފެނިފައި ނުވާ ކަމަށެވެ.
ގަނޭސަން ވިދާޅުވީ، އައްޑޫގައި ވިއްކަން ހުރި، ބެޗްތަކަކީ އުފެއްދިތާ ހަ މަސް ހަމަ ނުވާ، ބެޗަތަކުގެ މައިލޯ ކަމަށެވެ. އަދި އެތަކެތި އައްޑޫއާއި ހިސާބަށް ގެނެވިފަިއވަނީ ވަނީ ނިސްބަތުން ވަރަށް އަވަހަށް ކަމަށެވެ.

އައްޑޫގެ ޕްރީ ސްކޫލަކުން، ހުށަހެޅި މައްސަލަ އަކާއި ގުޅިގެން ، އައްޑޫ ޕަބްލިކް ހެލްތާއި، ކައުންސިލް، އަދި މައިލޯއިން ވަނީ މި މައްސަލަ ބަލާފައެވެ. މައިލޯ ޕެކެޓްއިން ފަނި ފަދަ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށް އައްޑޫ ޕަބްލިކް ހެލްތުއިން ވެސް ވަނީ ބުނެފައެވެ.

ނެސްލޭއިން ބުނީ، އެފަދަ ހަބަރެއް މީޑިއާއަށް އެރުމާއި ގުޅިގެން އެވާހަކަ ދޮގު ކުރާކަށް ކުންފުނިން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ހިނގުމުގެ ފުރުސަތު ނެތްކަން ދައްކާލަން ބޭނުންވި ކަމަށެވެ.
ނެސްލޭއިން ބުނީ އެކުންފުނީގެ އަމާޒަކީ، ކުރު މުއްދަތަކަށް ވިސްނައިގެން ކަންކަން ކުރުން ނޫންކަމަށެވެ. އޭގެ ބަދަލުގައި ކުންފުނީގެ އަމާޒަކީ ދުރު މުސްތަގްބަލަށް ވިސްނައިގެން ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ. އެގޮތުން 1970 އިން ފެށިގެން ރާއްޖޭގައި މައިލޯ ވިއްކަމުން އަންނަ އިތު ކުންފުނިން ދިވެހިންގެ ކުރިމަގަށް ވިސްނައިގެން ގިނަ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.

އައްޑޫގެ ބައެއް ސްކޫލްތަކުގެ ޓީޗަރުން މައިލޯ ޕެކެޓް ބޭނުން ނުކުރުމަށް ދަރިވަރުންނަށް ދަނީ ނަސޭހަތްތެރިވަމުންނެވެ.
ނެސްލޭއިން ބުނީ އެކަމާއި، ގުޅިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން ވަރަށް އަވަހަށް މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އައްޑޫން ވިއްކި މައިލޯ ޕެކެޓްތަކުގައި ފަނި ހުރި ކަމަށް ބުނެ ފެތުރުނު އަޑާއި ގުޅިގެން، ނެސްލޭއިން ދިން ފުރުސަތުގައި އައްޑޫގެ ދެ މީޑިއާއިން ވެސް ވަނީ ބައިވެރިވެ، ކުރުނެގަލާގައި ހުންނަ ކާރުޚާނާއަށް ޒިޔާރަތްކޮށް އެތަން ބަލާފައެވެ. އެތަނަށް ކުރި ޒިޔާރަތުގައި މައިލޯ އުފައްދާ ގޮތާއި، ސާފްތާހިރު ކަމަށް އެ ކުންފުނިންދޭ ހާއްސަ ސަމާލްކަން ވަނީ ފެނިފައެވެ.